އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު މެޗުތަކުގައި ކުރިން ކުޅުނު ބައެއް ކުޅުންތެރިންނަކީ 20 އަހަރުން ދަށުގެ ޓީމުގައި ހިމެނޭ ކުޅުންތެރިންއެވެ. އޭގެތެރޭގައި އޮޑި ސްޕޯޓްސް ކުލަބުގެ އަހުޒަމް ރަޝީދު، ކުލަބު ވެލެންސިއާގެ އީތަން އިބްރާހިމް ޒަކީ އާއި މާޒިޔާ ސްޕޯޓްސް ކުލަބުގެ އިލާން އިމްރާން ފަދަ ކުޅުންތެރިން ހިމެނެއެވެ.
ކޮލިފިކޭޝަންގެ ފަހު މެޗު ކުޅެފައިވަނީ އައު ކޯޗު އިސްޓަވާން އުރުބާނީ އެކުލަވާލި ސްކޮޑުގައި މި ކުޅުންތެރިން ނުހިމަނާ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެންނެވެ. އަންގާރަ ދުވަހުގެ ހަވީރު ކުޅުނު އެ މެޗުން ރާއްޖެއިން ވަނީ ފަހަތުން އަރާ 2-1 ގެ ނަޖީތާއަކުން މޮޅުވެފައެވެ.
މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު އިސްޓަވާން އުރުބާނީ ބުނީ އެ ކުޅުންތެރިން ނެތްކަން މެޗުގައި ފާހަގަ ނުކުރެވޭކަމަށެވެ. އަދި މިހާރު މިއޮތް ސްކޮޑަކީ ދެން އަންނަ މުބާރާތަކަށް ކޮންމެހެން އެގޮތުގައި އޮތުން މަޖުބޫރު ސްކޮޑެއްވެސް ނޫން ކަމަށެވެ.
އަހުމަދު އަބުދުﷲ ލިލީ އާއި އަލީ އަޝްފާގާއި އިބްރާހިމް ވަހީދާއި ބައިނަލްއަގްވާމީ މެޗު ތަޖުރިބާ ގިނަ ކުޅުންތެރިންތަކެއް އުރުބާނީގެ ލިސްޓުގައި ހިމެނިގެން ކުޅުނު މި މެޗަކީ ޖޫނިއާ ޓީމަށް ވަރަށް މުހިންމު މެޗެއްކަމަށް ކޯޗު ފާހަގަކުރިއެވެ.
"ސީނިއާ ޓީމަށް ކުޅުނު އެ ކުޅުންތެރިން ނެތަސް ހުސްކަމެއް ފާހަގައެއް ނުކުރެވޭ، ދެން އޮންނަ މުބާރާތަކަށްވެސް އެއް ސްކޮޑެއް އޮތުން މަޖުބޫރެއް ނޫން. ހަގު ކުޅުންތެރިން ލާން ބޭނުން، އަދި ލާނަންވެސްމެ، ސަބަބަކީ އެމީހުންނަށް އެކަން ހައްގުވާތީ" އުރުބާނީ ބުންޏެވެ.
އެ ކުޅުންތެރިންނާ ނުލާ ކުޅުނު މެޗަށް އިޝާރާތް ކުރަމުން އުރުބާނީ ބުނީ އޭނާގެ ވިސްނުން ހުރީ ރާއްޖޭގެ ސަގާފަތާއި، ކުޅުންތެރުންގެ ހުނަރާއި ގާބިލުކަމަށް ބަލައިގެން ކައިރި މުސްތަގުބަލަށް ސްޓްރެޓެޖިކަލީ ޓީމެއް ތައްޔާރުކުރުމަށް ކަމަށެވެ.
"މިއީ ކުރިއަށްވުރެ ބޮޑަށް ސްޓްރެޓެޖިކަލް އެޕްރޯޗެއް. ކޮންގޮތެއްގޯ އެންމެ ރަނގަޅު ސްޓައިލަކީ، ކޮން ގޮތެއްތޯ އެންމެ ރަނގަޅީ ކުރިޔަށް އޮތް ކައިރި މުސްތަގުބަލަށް ރާއްޖޭގެ ގައުމީ ޓީމު ބިނާކުރުން. މި ބައްޓަންކުރަނީ ރާއްޖޭގެ ކަލްޗަރއަށް ވިސްނައިގެން ކުޅުންތެރިންގެ ހުނަރަށް އަދި ގާބިލުކަމަށް ބަލައިގެން. އެކަމަކު އެކަމަށް ވަގުތު ނަގާނެ" އުރުބާނީ ބުންޏެވެ.
އުރުބާނީ ބުނީ އޭނާ އެކުލަވާލި ސްކޮޑުން ޓީމު ކޮންބިނޭޝަން ނުވަތަ އެއް ކުޅުންތެރިއެއް އަނެއްކުޅުންތެރިއަކާއި ދަނޑުމަތީގައި އޮތް ގުޅުން ރަނގަޅު ކަމަށާއި، ޓީމު ގޭމެއްގައި މިގޮތަށް ކުޅުން މުހިންމު ކަމަށެވެ.
އަދި ޒުވާން ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް މިއީ ބަލާލަށް ވަރަށް ރަނގަޅު މެޗެއް ކަމަށެވެ. މެޗަށްފަހު އުރުވާނީ ވަނީ ޒުވާން ކުޅުންތެރިންނާ ބައްދަލުކޮށް ސިނިއާ ޓިމުގެ ކުޅުމުން އެ ކުޅުންތެރިންނަށް ބޭނުންހިފޭނެ ދިމާތައް ފާހަގަކޮށްފައެވެ. އަދި އެ ކުޅުންތެރިންގެ ފަރާތުން އުންމީދީ ޖަވާބެއް ލިބުނު ކަމަށާއި، ޒުވާން ޓީމުގެ މުސްތަގްބަލާމެދު އުންމީދު ބޮޑު ކަމަށް އުރުބާނީ ފާހަގަކުރިއެވެ.