ރ. ވާދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފިއެވެ. ރ.ވާދޫގައި މި ޚިދުމަތް ފައްޓަވައިދެއްވީ، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.
ރ. ވާދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށް މިއަދު އެރަށުގައިވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމްގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، ރ.ވާދޫ ކައުންސިލްގެ އިސްވެރިންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރ. ވާދޫގައި މި ޚިދުމަތް ފަށްޓަވައި ދެއްވުމަށްފަހު ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވަނީ، އެރަށުގެ ޞިއްޙީ މަރުކަޒުގެެ ސީނިއަރ މެނޭޖްމަންޓު ޓީމާއި ބައްދަލުކުރައްވާ، އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި ހުރި ދަތިތަކަށް ޙައްލު ގެނައުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.
ލެބޯޓަރީއެއް ނެތް ގިނަ ރަށްތަކުން ޓެސްޓް ހެދުމަށް އެހެން ރަށްރަށަށް ދާ ފަދައިން ރ. ވާދޫ ރައްޔިތުންވެސް ދާން ޖެހެނީ، އެ ޚިދުމަތް ލިބޭ އަތޮޅުގެ ކޮންމެވެސް އެހެން ރަށަކަށެވެ. ރަށުގައި ތިބެގެން ލޭ އެޅޭނެ ޚިދުމަތާއި، ޢާއްމު ބައެއް ޓެސްޓްތައް ރަށުގައި ތިބިގެން ހެދުމުގެ ފުރުޞަތު ލިބުމާއެކު ރަށުގެ ރައްޔިތުންގެ ޖީބަށް ލުއިވެ ހައްޓަށްވެސް ފަސޭހަވާނެކަން އެރަށުގެ ރައްޔިތުން ޤަބޫލުކުރެއެވެ.
އަތޮޅުތަކުގެ ބައެއް ރަށްރަށުގައި އެކަށީގެންވާ ގޮތެއްގައި ލެބޯޓަރީ ޓެސްޓު ހެދޭނެ އިންތިޒާމު ނެތުމުގެ ސަބަބުން، އެރަށްތަކުގެ ރައްޔިތުން ޓެސްޓު ހެދުމަށް ހޮސްޕިޓަލެއް ހުންނަ ރަށަކަށް ނުވަތަ މާލެއަށް ދަތުރުކުރަން ވަނީ މަޖުބޫރުވެފައެވެ. މިކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ފައްޓަވާފައިވާއިރު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމްކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ. އެގޮތުން މި ވައުދުގެ ދަށުން ރ.ވާދޫއަކީ މި ސަރުކާރުން ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރާ 17 ރަށެވެ.