ޚަބަރު

ފަތުރުވެރިން މަދުވުމާއި ގުޅިގެން ގެއްލުންވާ ރިސޯޓުތަކަށް ބީއެމްއެލްގެ މާލީ އެހީ


  • މާލީތައް ބީއެމްއެލްގެ އެކި ފެސިލިޓީތައް މެދުވެރިކޮށް ދަނީ ހަމަޖައްސަމުން

  • ގެއްލުން ކުޑަކުރުމަށް ފަތުރުވެރިން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

  • އިތުރު އެއާލައިންތައް ގެނައުމަށް ދަނީ މަސައްކަތް ކުރަމުން

  • ޚާއްސަ މާކެޓްތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ކެމްޕެއިނެއް ފެށުމަށް ތައްޔާރުވަނީ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމާއެކު، ބައެއް ރިސޯޓުތަކުގެ ހިންގުމަށް ބުރޫއަރާތީ، އެ ފަރާތްތަކަށް ބީއެމްއެމްއެލް އިން މާލީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާއިބެހޭ ވަޒިރު ތާރިޤް އިބްރަހީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާ ތިމާވެއްޓާއިބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވީ، މި ދުވަސްވަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވަމުންދާތީ ރިސޯޓުތަކުގެ މެނޭޖްމަންޓުތަކަށް ހިންގުމަށް ދަތިތަކާ ކުރިމަތިވެފައިވާކަމަށެވެ.

މި މައްސަލައަށް ހައްލު ހޯދުމަށް މަޓީއާއެކު މަޝްވަރާކުރައްވާ، ޚިދުމަތް ދޭން ދަތިވާ ބައެއް ރިސޯޓުތަކުން ބޭންކުތަކާ ވާހަކަދައްކައިގެން އެކި ކަހަލަ މާލީ އެހީތެރިކަން އެފަރާތްތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމާއެކު، ރިސޯޓުތަކުގެ ހިންގުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާކަމަށެވެ.

"އަޅުގަނޑުމެން ބީއެމްއެލްއާވެސް ވާހަކަދައްކައިފިން، އަޅުގަނޑުމެން މިދަނީ ބީއެމްއެލްއާ އެއްކޮސް އެހެން އޮޕަރޭޝަންސްގެ ދަތިވާފަރާތްތަކަށް އެބޭފުޅުންގެ އެކި ކަހަލަ ފެސިލިޓީސްތައް ފޯރުކޮށްދޭން ބީއެމްއެލްއިން ތައްޔާރަށް ތިބޭ. އަދި މިހާރުވެސް އެ މަސައްކަތް ރިސޯޓުތަކާއެކު ކުރެވެމުންދޭ". ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ވަނީ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ދަތުރުފަތުރާބެހޭ ވުޒާރާއާއި ގުޅިގެން އިތުރު އެއާލައިންތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޑެސްޓިނޭޝަން މާކެޓިންގެ މުހިންމު މަސައްކަތްތަކެއް ވިޒިޓް މޯލްޑިވްސްއާއެކު މިހާރުވެސް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޓްރާންސްޕޯޓް މިނިސްޓްރީއާއެކު އަޅުގަނޑުމެން މިދަނީ އިތުރު އެއާލައިންތައް ގެނައުމުގެ މަސައްކަތްވެސް ކުރަމުން. މިވަގުތު އަޅުގަނޑުމެން މިދަނީ ޑެސްޓިނޭޝަން މާކެޓިން ގެ މަސައްކަތްތަކެއް ވިޒިޓް މޯލްޑިވްސްއާއެކު ކުރަމުން. އެގޮތުން އިންޑިއާ އާޝިއާން އަދި ސީއައިއެސްގެ މާކެޓްތަކަށް އަމާޒުކޮށްގެން 200މިލިޔަނަށްވުރެ ގިނަ އިމްޕްރެޝަންސް ލިބޭނެގޮތަށް ފަރުމާކޮށްގެން ޑިޖިޓަލް ކެމްޕެއިނެއް މި ހަފުތާތެރޭ ފެއްޓިގެންދާނެ". ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން އިންޑިއާއަށް ޚާއްސަކޮށް ޑިޖިޓަލް ކެމްޕެއިނެއް ކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މިފަދަ ޑިޖިޓަލް ކެމްޕެއިންތަކުގެ ސަބަބުން ލޯ ސީޒަނުގައިވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.