ޚަބަރު

ރާއްޖެ ޖޫނިއަރ ޓީޓީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


  • މިއީ އެކި އުމުރުފުތާކުގެ ސުކޫލު ކުދިންނަށް ހާއްސަ މުބާރާތެއް

  • ރާއްޖެ ޖޫނިއާރ ޓީޓީ ޗެމްޕިއަންޝިޕް އޮންނާނީ 14-30 އޭޕްރީލަށް

ރާއްޖެ ޖޫނިއަރ ޓޭބަލް ޓެނިސް ޗެމްޕިއަންޝިފް 2026ގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ މިއަހަރުން ފެށިގެން ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ކުރިޔަށްދާނީ 14 އިން 30 ގެ ނިޔަލަށް ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް) އިން ބުނެއެވެ.

އެ އެސޯސިއޭޝަނުން ބުނީ އޭޕްރީލް މަހަށް އެ މުބާރާތް ތާވަލް ކުރެވިފައިވާތީ، 31 މާޗްވާ އަންގާރަ ދުވަހު 14:00 އާއި ހަމައަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިންނާއި ސުކޫލުތަކުން، 07 އޭޕްރީލްވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން އެންޓްރީ ފޯމު ޓީޓީއޭއެމް އަށް ހުށަހަޅަން ޖެހެއެވެ.

މި މުބާރާތުގައި ދެ ޖިންސުގެ އެކި އުމުރުފުރާތަކަށް ވަކިން ޓީމު އިވެންޓުތަކާއި އަމިއްލަ އިވެންޓުތައް ކުރިޔަށްދާނެއެވެ. އެގޮތުން ޓީމު އިވެންޓުތަކުގެ ތެރޭގައި ހިމެނެނީ، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން އިވެންޓްތަކެވެ. އަމިއްލަ އިވެންޓުތަކުގެ ތެރޭގައި ހިމެނެނީ 13 އަހަރުން ދަށުގެ ސިންގަލްސް އާއި 15 އަހަރުން ދަށާއި 17 އަހަރުން ދާށާއި، 19 އަހަރުން ދަށުގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓުތަކެވެ.

މި މުބާރާތައި ގުޅޭ މައުލޫމާތު ޓީޓީ އެސޯސިއޭޝަނުގެ މޯބައިލް ނަމްބަރު 7778722 އިން އަދި އެސޯސިއޭޝަނަށް އީމެއިލް ކޮށްގެން ހޯދޭނެ ކަމަށް ޓީޓީއޭއެމްއިން ބުނެވެ.

ރާއްޖެ ޖޫނިއަރ ޓޭބަލް ޓެނިސް ޗެމްޕިއަންޝިފަކީ މީގެ ކުރިން އިންޓަސުކޫލުގެ ނަމުގައި ބާއްވަމުން އައި މުބާރާތެކެވެ. މިއަހަރުން ފެށިގެން ހުރިހާ ކުޅިވަރެއްގައިވެސް ސުކޫލުތަކުގެ އުމުރުފުރާ މުބާރާތްތައް ބާއްވާނީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިފުގެ ނަމުގައި ކަމަށް ބައެއް ކުޅިވަރު އެސޯސިއޭޝަނުން މައުލޫމާތުދީފައިވެއެވެ.