ޚަބަރު

"ކުރިން އޮތީ ވަރުގަދަ ދެ ޓީމެއް، މިހާރު ތަފާތެއް ނެތް"


  • ގަތަރު ކޯޗުގެ ޕްލޭނާއި އެއްގޮތަށް ޓީމު ދަނީ ރަނގަޅުވަމުން

  • މިއަހަރު އެނގިއްޖެ ދާދި އެއްވަރެއްގެ ޓީމުތަކެއްކަން

  • ދެން އޮންނަ މުބާރާތްތައް ވަރަށް ވާދަވެރިވާނެ

މީގެ ކުރިން ސާފް ސަރަހައްދުގައި އޮތީ ނަގާ ކިޔާ އެންމެ ޓީމެއް ނުވަތަ ދެޓީމެއް ވަރު ކަމަށާއި، އެހެންނަމަވެސް މިހާރު މި ފެންނަނީ ދާދި އެއްވަރެއްގެ ޓީމުތަކެއް ކަމަށް ސްރީލަންކާގެ 20 އހަަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު އިމްރާން މުހައްމަދު ބުނެފިއެވެ.

ރާއްޖޭގައި ކުރިޔަށް ގެންދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ލަންކާ ކުޅުނު ފަހުމެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިމްރާން ބުނީ ހުރިހާ ޓީމުތަކެއް ފެންވަރު މަތިވިއިރު ލަންކާގެ މި އުމުރުފުރާ ޓީމުގެ ހުނަރާއިމެއްވެސް އެއްވެސް ބައެއްގެ އިތުބާރެއް ނެތްކަމަށެވެ.

"މިއީ އޭއެފްސީ އޭޝިއަން ކަޕަށް ވަރަށް ރަނގަޅު ޕްލެޓްފޯމެއް، ސާފް ސަރަހައްދުގައި ކުރިން ވަރުގަދަ ދެޓީމެއްވަރު އުޅޭނީ، އެކަމަކު މިހާރު އެންމެންނަށް ފެނިއްޖެ. މި މުބާރާތުގައި މިއުޅޭ ހުރިހާ ޓީމަކީވެސް ދާދި އެއްވަރެއްގެ ޓީމުތަކެއް" އިމްރާން ބުންޏެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި މިމުބާރާތް އިތުރަށް ވާދަވެރިވެގެންދާނެ ކަމަށްވެސް އިމްރާން ބުންޏެވެ.

ޤަތަރުގެ ތަޖުރިބާކާރު ކޯޗު އަހުމަދު އަލް މަންނާއީގެ ބެލުމުގެ ދަށުން އައު ޕްލޭންތަކާއެކު އެކު ނިކުމެ މިއުމުރުފުރާގެ ކުޅުންތެރިން ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކޮށްފި ކަމަށްވެސް ލަންކާއިން ގަބޫލުކުރެއެވެ.

ރާއްޖެއެކޭ އެއްގޮތަށް ފުޓުބޯޅަ އަޑިއަޅާލާފައި އޮތް ލަންކާއިން އުނދަގޫ ދުވަސްތަކަކަށްފަހު ފުޓުބޯޅައިގައި ހިންދެމިލަން ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ހޯދިއްޖެކަން ޒުވާނުން ޓީމުން ސާފް ޗެމްޕިއަންޝިޕްގައި މި ދެއްކި ކުޅުމުން ފާހަގަވެގެން ހިނގައްޖެއެވެ.

އިމްރާން ބުނީ ރާއްޖެއައި އިރު މި ޓީމަށް މިފެންވަރުގެ ކުޅުމެއް ދެއްކިދާނެ ކަމަށް ގަބޫލުވެސް ނުކުރެވޭ ކަމަށާއި، ހުދު ލަންކާގެ ރައްޔިތުންވެސް ހީކުރީ އެންމެ ދަށް ޓީމަކީ ލަންކާ ކަމަށެވެ.

އެހެންނަމަވެސް ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ރާއްޖެ ކޮޅަށް 3 ލަނޑު ޖަހާ ލަންކާއިން މުބާރާތް ފެށީވެސް ވަރަށް ވަރުގަދަކޮށްކަން އޭނާ ފާހަގަކުރިއެވެ. އެ މެޗު 2-3 ކާމިޔާބުކޮށް ދެވަނަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް، ނޭޕާލާއި ދެކޮޅަށް ނިކުމެ 1-0 ން ނާކާމިޔާބުވި ނަމަވެސް އެ މެޗުގައިވެސް ލަންކާ ފެނުނީ ވަރުގަދަކޮށްކަން އޭނާ ފާހަގަކުރިއެވެ.

އަދި ފަހު މެޗުގައި ބޫޓާން ހިފަހައްޓައިގެން ކުޅެމުން ދަނިކޮށް، ސެމީފައިނަލްގެ އުންމީދުގައި އޮތް ލަންކާއަށް އެ ފުރުސަތު ގެއްލުނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ކުޅުނު އިތުރުވަގުތުގެ ކުޅުމުގައި ބޫޓާނުން ލަންކާގެ ގޯލު ހުޅުވާލާ ނަތީޖާ 1-0 އަށް ބަދަލުކުރުމުންނެވެ.

އެހެންނަމަވެސް މި މުބާރާތުގައި ކުޅުނު ތިން މެޗުން ލަންކާގެ ޒުވާން ކުޅުންތެރިން މި ސާބިތުކޮށްދިނީ އެ ކުޅުންތެރިން ކަމަކާއި ކުރިމަތިލައިފިނަމަ އެކަން ހާސިލުކުރުމުގެ އަޒުމު ހުރި މިންވަރުކަމަށް އޭނާ ފާހަގަކުރިއެވެ.

އެގޮތުން ބޫޓާނުން ފަހުވަގުތު ލަންކާގެ މައްޗަށް ހޯދި މޮޅު އިޝާރާތްކޮށް، ފަހުން ތިން މިނިޓްގެ ތެރޭގައި ބޫޓާނުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރިއިރު، އެ ޓީމުވެސް އެވަނީ ވަރަށް ބޮޑަށް ކުރިއަރާފައި ކަމަށް ލަންކާ ކޯޗު ފާހަގަކުރިއެވެ.

ރާއްޖެއާއި ލަންކާގެ 20 އަހަރުން ދަށުގެ ޓީމު އެންމެ ފަހުން ކުޅެފައިވާ މެޗުތަކަށް ނަޒަރު ހިންގާލާއިރު ރާއްޖެއަށް ވަނީ އެއް މޮޅު ލިބިފައެވެ. ލަންކާ ވަނީ އެއް މެޗުން އެއްވަރުވެފައެވެ.

ސްރީލަންކާގެ 20 އަހަރުން ދަށުގެ ޓީމު އެންމެ ފަހުން ކުޅެފައިވާ މެޗުތަކަށް ބަލާއިރު އެޓީމު ވަނީ އޭޝިއަންކަޕް ކޮލިފައިންގައި 2024 ވަނަ އަހަރު ސެޕްޓެމްބަރު 29 ގައި މެލޭޝިއާ އާއި ދެކޮޅަށް ކުޅުނު މެޗުން 1-1 ން އެއްވަރުވެފައެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އޮމާންގެ 20 އަހަރުގެ ދަށުގެ ޓީމާއެކު ސެޕްޓެމްބަރު 25 ގައި ލަންކާ ކުޅުނު މެޗުން ވަނީ 5-0 ން ބަލިވެފައެވެ. އަދި ސެޕްޓެމްބަރު 23 ގައި ތަޖިކިސްތާނާއި ދެކޮޅަށް ކުޅުނު ކޮލިފައިން މެޗުން ލަންކާވަނީ 0-3 ން ބަލިވެފައެވެ.

އަދި ނޯތު ކޮރެއާ އަތުން ސެޕްޓެމްބަރު 21 ގައި ވަނީ 4-0 ން ވަނީ ބަލިވެފައެވެ.

އަދި އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގައި 2024 ވަނަ އަހަރު އޮގަސްޓް 20 ގައި ސްރީލަންކާ ވަނީ ބަނގްލަދޭޝް އަތުން 2-0 ން ބަލިވެފައެވެ. އަދި 1-0 ން ނޭޕާލް އަތުންވެސް ވަނީ ބަލިވެފައެވެ.