ޚަބަރު

މިއީ އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު މެޗު: ގަޓޫސޯ


ވޯލްޑްކަޕް ކޮލިފައިންގެ ޕްލޭއޮފް ސެމީ ފައިނަލުގައި ނޮދަން އަޔަލޭންޑާއި ދެކޮޅަށް މިއަދު އިޓަލީ ކުޅޭ މެޗަކީ އިޓަލީގެ ކޯޗު ޖެނާރޯ ގަޓޫސޯގެ ހަޔާތުގައި ކުޅެވޭ އެންމެ ބޮޑު މެޗު ކަމަށް އޭނާ ބުނެފި އެވެ.

2006 ވަނަ އަހަރުގެ ވޯލްޑްކަޕް އިޓަލީ އިން ކާމިޔާބު ކުރި ޓީމުގައި ހިމެނުނު ގަޓޫސޯ ބުނެފައިވަނީ ނޮދާން އަޔަލޭންޑާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނައިރު ކޯޗެއްގެ ގޮތުގައި އޭނާއަށް ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެވުނު ނަމަވެސް މިއީ ތަފާތު މެޗެއް ކަމަށެވެ.

"ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ. ނަމަވެސް މި މެޗަކީ އަހަރެންގެ ހަޔާތުގައި ކުޅެވޭ އެންމެ މުހިންމު އަދި އެންމެ ބޮޑު މެޗު. އަހަރެން މިހިރީ މި މެޗަށް ފުރިހަމައަށް ތައްޔާރުވެގެން." ގަޓޫސޯ ބުންޏެވެ.

ގަޓޫސޯ އިތުރަށް ބުނެފައިވަނީ މި މެޗަށް ނިކުންނައިރު ކުޅުންތެރިންގެ ފަރާތުން ފެންނަންޖެހޭ ކަންތައްތައް ފުރިހަމައަށް ފެނިއްޖެނަމަ މި މެޗުން މޮޅުވެ ވޯލްޑްކަޕްގެ އުންމީދު ބޮޑު ވުމަކީ ވަރަށް ކައިރި ކަމެއް ކަމަށެވެ.

އިޓަލީ އިން 2006 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ނަމަވެސް 2018 ވަނަ އަހަރުގެ އިތުރުން 2022 ވަނަ އަހަރުގެ ވޯލްޑްކަޕަށް އެ ގައުމު ކޮލިފައިވެފައެއް ނުވެއެވެ. އަދި މި އަހަރުގެ މުބާރާތަށް ކޮލިފައިނުވެއްޖެނަމަ މިއީ އިޓަލީގެ ފުޓްބޯޅައިގެ ތާރީޚުގައިވެސް ވޯލްޑްކަޕަށް އެ ޓީމު ކޮލިފައިނުވެ ދާ އެންމެ ދިގު މުއްދަތެވެ.

ކުޅުންތެރިއެއްގެ ގޮތުގައި އިޓަލީގެ މެދުތެރެ ބެލެހެއްޓިއިރު ރުޅިގަދަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވިގެންދިޔަ ގަޓޫސޯ އިތުރަށް ބުނެފައިވަނީ އޭނާގެ އުންމީދަކީ މި ފަހަރުގެ ވޯލްޑްކަޕަށް އިޓަލީ ކޮލިފައިކޮށްދީ ކުރިން އެޓީމު އޮތް ހިސާބަށް އިޓަލީ ގެންގޮސްދިނުން ކަމަށެވެ.

ނޮދާން އަޔަލެންޑް އާއި ދެކޮޅަށް އިޓަލީ ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ ކޮލިފައިންގެ ޕްލޭއޮފް ފައިނަލުގައި އެ ޓީމު ވާދަކުރާނީ ވޭލްސް އާއި ބޮސްނިއާ ހޭޒްގޮވީނާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. އަދި އެ މެޗުން މޮޅުވާ ޓީމަކަށް ވޯލްޑްކަޕްގެ ޖާގައެއް ލިބިގެންދާނެ އެވެ. ކޮލިފައިންގެ ޕްލޭއޮފް ފައިނަލް މެޗު އޮންނާނީ މާޗު 31 ވަނަ ދުވަހު އެވެ.