އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ޗެމްޕިއަންކަން ސެނެގާލް އަތުން ނެގުމަށް ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް އިން ނިންމުމުން އެ މައްސަލަ ކުޅިވަރުގެ އެންމެ މަތީ ކޯޓަށް ސެނެގާލް އިން ހުށައަޅައިފި އެވެ.
ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމުގައިވާ ކާސް އަށް ސެނެގާލް އިން މި މައްސަލަ ހުށައަޅާފައިވަނީ މުބާރާތުގެ ޗެމްޕިއަންކަން ސެނެގާލް އިން ހޯދި ފަހުން ފައިނަލުގައި ސެނެގާލް އާއި ދެކޮޅަށް ކުޅުނު މޮރޮކޯ ހުށައެޅި މައްސަލަ ބެލުމަށްފަހު އޭގެ ދެ މަސް ދުވަސް ފަހުންނެވެ.
މިދިޔަ ޖެނުއަރީ މަހު މޮރޮކޯގައި ކުޅުނު ފައިނަލް މެޗުގައި ސެނެގާލްގެ ކުޅުންތެރިން މެޗު ނުކުޅެ ދަނޑުން ފޭބި މައްސަލަ ބެލުމަށްފަހުގަ އެވެ. ފައިނަލް މެޗުން 1-0 ގެ ނަތީޖާއަކުން ސެނެގާލް ވަނީ މޮރޮކޯ ބަލިކޮށްފަ އެވެ.
ސެނެގާލްގެ ކުޅުންތެރިން މެޗު ނުކުޅެ ދަނޑުން ފައިބާފައިވަނީ މެޗުގެ އިތުރު ވަގުތުގައި މޮރޮކޯ އަށް ރެފްރީ ޕެނަލްޓީ އެއް ދިނުމާއި ގުޅިގެން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ. އަދި އެކަންތައް ހައްލުކޮށް އަލުން ފައިނަލް މެޗުގެ ކުޅުން ފަށާފައިވަނީ 17 މިނިޓަށް މެޗު މެދުކަނޑާލުމަށްފަހުގަ އެވެ.
ފައިނަލް މެޗުގެ ކުޅުން އަލުން ފެށިއިރު މޮރޮކޯއަށް ލިބުނު ޕެނަލްޓީ ބްރާހިމް ޑިއާޒް ފޮނުވާލިއިރު ސެނެގާލްގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. މި މެޗުން ސެނެގާލް މޮޅުވެފައިވަނީ އިތުރު ވަގުތުގައި ޕާޕޭ ގުއޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ކާސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސެނެގާލް ފުޓްބޯޅަ ފެޑަރޭޝަނުން ހުށައަޅާފައިވަނީ އެފްރިކާގެ ފުޓްބޯޅަ ޖަމްއިއްޔާގެ ނިންމުން ބަދަލުކޮށް އެފްރިކާގެ ޗެމްޕިއަނަކީ ސެނެގާލް ކަމުގައި ކަނޑައަޅައި ދިނުމަށް ކަމަށެވެ. އަދި މި މައްސަލަ ބެލުމަށްޓަކައި އެ އިދާރާއިން ހާއްސަ ޕެނަލްއެއް އެކުލަވާލުމަށްފަހު މި މައްސަލަ އާއިމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.