ޚަބަރު

އިންތިޚާބަށް 8 ލައްކައަށްވުރެ ގިނަ ވޯޓް ކަރުދާސް ޗާޕްކުރާނެ: އީސީ


  • ޖުމްލަ 588 ވޯޓުފޮށި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާނެ

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ވޯޓަށް 8 ލައްކައަށްވުރެ ގިނަ ވޯޓު ކަރުދާސް ޗާޕްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ
ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. އަދި މިފަހަރު ވޯޓުލުމަށް ކޮންމެ މީހަކަށްވެސް 3 ކަރުދާސް ލިބޭނެއެވެ.

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. މި އިންތިޚާބުގައި ވޯޓުލުމަށް 588 ތަނެއްގައި ވޯޓުފޮށި ބަހައްޓާނެއެވެ. އަދި މިއިން ކޮންމެ ވޯޓުލާ ސްޓޭޝަނެއްގައިވެސް 3 ވޯޓަށް ވަކިވަކި ވޯޓު ފޮށި ބެހެއްޓިފައި ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިންތިޚާބަށް މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށްވެސް އެކޮމިޝަނުން ވަނީ ނިންމާފައެވެ.

އިންތިޚާބަށް ވަމުން އަންނަ އިދާރީ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ ޝަހުލާ އިސްމާޢިލް ވިދާޅުވީ މިފަހަރު ރައްޔިތުން 3 ކަމަކަށް ވޯޓުލުމަށް ހަމަޖެހިފައިވާއިރު، ޖުމްލަ 800،000 އަށް ވުރެ ގިނަ ވޯޓު ކަރުދާސް މިކަމަށް ޗާޕް ކުރެވޭ ކަމަށެވެ.

" ދިވެހިރާއްޖޭގެ އިންތިޚާބަކަށް އެންމެ ގިނަ ވޯޓު ކަރުދާސް ޗާޕް ކުރާ ފަހަރަށްވާނެ މިފަހަރު. އަޅުގަނޑުމެން 800،000 އަށް ވުރެ ގިނަ ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު %85 އާއި %95 ދެމެދު މަސައްކަތް ނިންމާލެވިފައިވާކަން ފާހަގަކުރަން. ކޮންމެ ވޯޓު ކަރުދާހެއް ޗެކް ކުރުމަށް ފަހު އެތަކެތި ޕެކްކޮށް ވޯޓުލާ މަރުކަޒަށް ފޮނުވާލުމަށް ވާން ޖެހޭ ތައްޔާރީތައް ވެފައިވާކަން ފާހަގަކުރަން. " ޝަހުލާ ވިދާޅުވިއެވެ.

ޗާޕް ކުރާ ކަރުދާސްތައް މަރުކަޒުތަކަށް ފޮނުވަނީ، އިލެކްޝަން ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހުއެވެ. އެގޮތުން ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި، ކަރުދާސް ފޮނުވަނީ އެ މަރުކަޒަކަށް ބޭނުންވާ އަދަދައްތޯ އަދި އެ މަރުކަޒުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ އެންމެންނަށް ކަރުދާސް ހަމަތޯ އިލެކްޝަންސް ކޮމިޝަނުން ބަލާނެއެވެ. ވޯޓު ކަރުދާސް މަރުކަޒުތަކަށް ފޮނުވާނީ ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ސެކިއުރިޓީ ފޮށިތަކުގައެވެ. އަދި ކަރުދާސްތައް ހުންނާނީ ވަކި ސެކިއުރިޓީ އުރަތަކުގައި ބަންދުކޮށްފައެވެ.

މަރުކަޒުތަކުގައި މި ފޮށިތައް ކަނޑާ ކަރުދާސް ނަގާނީ ވޯޓުލާ ދުވަހު މަރުކަޒުގައި ތިބި އޮބްޒާވަރުންނާއި މޮނިޓަރުން އަދި ވޯޓުލުމަށް ގޮސް ތިބި މީހުންގެ ކުރިމަތީގައެވެ.

މިފަހަރު ތިންކަމަކަށް ވޯޓުލާއިރު ކޮންމެ މީހަކަށްވެސް ކަރުދާސްކޮޅު ލެވެނީ ރަނގަޅު ފޮއްޓަށްތޯ ޔަޤީންކުރުމަށް ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ. އިންތިޚާބުތަކަކީ ޑިމޮކްރަސީގައި މުހިންމު ދައުރެއް އަދާކުރާ ކަމަކަށްވުމުން، ކޮންމެ މީހަކަށްވެސް ޤާނޫނުން ލިބިދޭ ވޯޓުލުމުގެ ޙައްޤު ފުރިހަމަކުރުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.