20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ނޭޕާލް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި ބޭނުންވަނީ ތަށި ކަމަށް އެ ޓީމުގެ ކެޕްޓަން ދަރްބެންދްރާ ކުންވާރު ބުނެފިއެވެ.
ރާއްޖޭގައި މާޗް 23 ން 03 އޭޕްރީލްގެ ނިޔަލަށް އޮންނަ މުބާރާތަށް މާލެ އައުމަށްފަހު ނޭޕާލް ޓީމު ވަނީ ހޮނިހިރު ދުވަހު ބާސެލޯ ނަސަންދުރައިގައި ކޭމްޕް ކޮށްފައެވެ. ނަސަންދުރައިގައި ހުރެގެން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ދަރްބެންދްރަ ބުނީ ރާއްޖޭ އައީ މަހެއްހާދުވަހުގެ ފަރިތަކުރުންތަކަށްފަހު ކަމަށެވެ.
ޓީމުގެ އުންމީދަކީ މުބާރާތް ކާމިޔާބުކުރުން ކަމަށާއި އެޓީމު ކުޅޭ މެޗުތައް ވީހާވެސް ގިނަބަޔަކު ބަލާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ. ނޭޕާލަކީ 2024 ވަނަ އަހަރު ބޭއްވި އެންމެފަހުގެ 20 އަހަރުން ދަށުގެ މުބާރާތުގެ ރަނަރަޕް ޓީމެވެ. ފައިނަލްގައި ނޭޕާލް ބަލިވީ 1-4 ން ބަންގްލަދޭޝް އަތުންނެވެ.
20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލު ހިމެނެނީ ރާއްޖެއާއި އެކު ގްރޫޕް އޭ ގައެވެ. ދެން މި ގްރޫޕްގައި ހިމެނެނީ ބޫޓާން އަދި ލަންކާއެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުއެވެ. ނޭޕާލުގެ ފުރަތަމަ މެޗުގައި އެދުވަހު ހަވީރު ނިކުންނާނީ ބޫޓާނާއި ދެކޮޅަށެވެ. އެއަށްފަހު 25 ވަނަ ދުވަހު ސްރީލަންކާއާއި ދެކޮޅަށް ކުޅުމަށްފަހު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޭޕާލް ނުކުންނާނީ ރާއްޖެއާއި ދެކޮޅަށެވެ.
ފައިނަލް މެޗު އޮންނާނީ 03 އޭޕްރީލުގައެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ޕީއެސްއެމްގެ ޗެނަލުތަކުން ވަގުތުން ގެނެސްދޭނެއެވެ.