އެޕްރީލް 4 ގައި ބާއްވާ އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމަށް ދިން މުއްދަތު މިވަނީ ހަމަވެފައެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 200 އަށްވުރެ ގިނަ މީހުން ވޯޓާސް ލިސްޓުގައި ސޮއިކޮށްފައިވެއެވެ.
ބުދަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާއި ބެހޭ މަރުކަޒާ އިންވެގެން ހުރި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބާބެހޭ މަރުކަޒަށް އަލިފާނުގެ އަސަރުކޮށްފައިވާތީ، އިލެކްޝަންސް ކޮމިޝަނުން ވަނީ އެތަނުގައި ހުރި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބޭރުކޮށްފައެވެ. އަދި އިންތިޚާބުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ވަގުތީ ގޮތުން އިންތިޚާބީ މަރުކަޒު ވަނީ ސޯޝަލް ސެންޓަރަށް ބަދަލުކޮށްފައެވެ.
މިއާއެކު، އެޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތްތައް މި ސެންޓަރުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން ސޮއިކުރުމުގެ މަސައްކަތްތަކަށް ބުރޫއެރުމުން، ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކަށް ސޮއިކުރުމަށް އިތުރު ފުރުސަތެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަދުގެ މެންދުރު 13:00 ޖެހުމާއި ހަމައަށް މުއްދަތު ހަމަވީއިރު، ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި 230 މީހުން ސޮއިކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތުދެއެވެ.
އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަކީ ކައުންސިލްތަކުގެ އިންތިޚާބުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ސުވާލަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ބާއްވާ މުހިންމު ވޯޓެކެވެ. މި ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭއެވެ. އެއީ 150،370 ފިރިހެނުންނާއި، 144506 އަންހެނުންނެވެ.
އިންތިޚާބުގައި 3 ވޯޓެއް ވޯޓުލުމަށް ޖުމްލަ 588 ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެއީ މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށްވެސް އެކޮމިޝަނުން ވަނީ ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާ ގޮތުން ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން 132 ރަށަކަށް އިންތިޚާބު ކުރަން ޖެހޭނީ، ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން 3 ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިޚާބު ކުރަން ޖެހޭނީ، ކައުންސިލް ރައީސާއި 2 އަންހެން ކައުންސިލަރުން ހިމެނޭހެން 5 ކައުންސިލަރުންނެވެ.
މި އިންތިޚާބުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރަން ޖެހޭނީ، ރަށާއި ސިޓީ ކައުންސިލަށް އިންތިޚާބު ކުރާ އަދަދަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އަދި ވޯޓު ކަރުދާސް ޗާޕުކުރުމުގެ ފުރަތަމަ މަރުހަލާގައި ކަރުދާސް ޗާޕުކޮށް، ކޮމިޝަންގެ ފަރާތުން ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކް ކުރަމުންދާކަމަށާއި، ވޯޓުލާ ދުވަސް އައުމުގެ ކުރިން ވޯޓު ފޮށިތަކާއި ކަރުދާސްތައް އަދި އިދާރީގޮތުން ފޮނުވަން ޖެހޭ ތަކެތިވެސް ފޮނުވުމަށްޓަކައި މިހާރު ތާވަލް ކުރެވިފައިކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.