ނިއު ޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފިއެވެ.
މި ތުނޑު ކުނަލަކީ ދިވެހިރާއްޖެ އިން އދ. ގެ މައި މަރުކަޒަށް ހަދިޔާ ކުރި ހަނދާނީ ހަދިޔާއެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ ތުނޑު ކުނަލެއް އދ.ގެ މައި މަރުކަޒުގައި ބެހެއްޓުމަށް ނިންމެވީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގެ ޖަލްސާއަށް ނިއު ޔޯކަށް ކުރެއްވި ޒިޔާރަތުގައެވެ. އދ. ގެ މައި މަރުކަޒުގައި ބަހައްޓާ ތުނޑުކުނާ، އިފްތިތާޙްކޮށްދެއްވީ އދ. ގެ މައިމަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއިން އދ. އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. މިއީ ރާއްޖޭގެ އުފެއްދުމެއް އ.ދގައި ބެހެއްޓި ފުރަތަމަ ފަހަރު ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
ދިވެހި ޙާރިޖީއްޔާއިން ވަނީ މި ތުނޑުކުނަލަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެ، އދ. ގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ. ގެ މައި މަރުކަޒުގައި ދިވެހި ފަންނު ވެރިކަން ދައްކާލުމަށް ތައްޔާރު ކުރެވުނު ކުނަލެއްކަން ފާހަގަކޮށްފައެވެ.
އ.ދ. ގައި ބެހެއްޓުނު ތުނޑު ކުނާ ފަރުމާކޮށް ވިޔުނީ، ތުނޑު ކުނާ ވިޔުމަށް ރާއްޖޭގެ އެންމެ މަޝްހޫރު، ގދ ގައްދޫގެ ބޭފުޅެކެވެ.