ޚަބަރު

އުއްމީދަކީ ބައިބައިވެފައިވާ ދުނިޔެ ބަދަހިކުރާނެ ފާލަމަކަށް ވޯލްޑް ކަޕް ވުން


  • ބައެއް ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން އެނގޭކަމަށް އިންފެންޓީނޯ ވިދާޅުވި

  • އިންފެންޓީނޯ ބޭނުންފުޅުވަނީ ސުލްޙަ ޤާއިމްކުރާ ވަސީލަތަކަށް ފުޓުބޯޅަ ވާން

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ އަމާޒަކީ، ޚާރިޖީ މައްސަލަތަކުގެ ސަބަބުން ބައިބައިވެފައިވާ ދުނިޔެ ބަދަހިކޮށް، އެއްބައިވަންތަ ކުރުވާނެ ފާލަމަކަށް، ފީފާ ވޯލްޑް ކަޕް ހެދުންކަމަށް އެ ޖަމިއްޔާގެ ރައީސް، ޖިއާނީ އިންފެންޓީނޯ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމަށްފަހު ވާހަކަދައްކަވަމުން އިންފެންޓީނޯ ވިދާޅުވީ، ދެ ގައުމެއް ނުވަތަ ގައުމުތަކެއްގެ މެދުގައި އުފެދިފައިވާ މައްސަލަތަކާއި ހަމަނުޖެހުންތައް، ފީފާއަށް އެއްކޮށް ހައްލު ނުކުރެވޭނެކަން ގަބޫލުކުރާ ކަމަށެވެ.

އެހެންނަމަވެސް، ފުޓުބޯޅައަކީ، އެފަދަ މައްސަލަތައް ވީހާވެސް މަދުކޮށް، ބައިބައިވެފައިވާ ދުނިޔެއެއް ބަދަހިކޮށްދޭނެ ފާލަމަކަށް ވެވިދާނެ ކަމަށާއި، ފީފާއިން އެ މަސައްކަތް، ވޯލްޑް ކަޕް މެދުވެރިކޮށް ކުރާނެ ކަމަށެވެ.

ވޯލްޑް ކަޕް ފެށެން ދެން މާ ގިނަ ދުވަހެއް ނެތްކަން ފާހަގަކޮށް އިންފެންޓީނޯ ވިދާޅުވީ، ދުނިޔެ މިވަގުތު އޮތް ހާލަތާއި، އުފެދިފައިވާ ނުތަވަސްކަން އެނގޭ ކަމަށާއި، ބައެއް ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ވޯލްޑް ކަޕް މެދުވެރިކޮށް ހައްލުކޮށް، ސުލްހަ ގާއިމްކުރަން މަސައްކަތްކުރާނެ ކަމަށެވެ.

ވޯލްޑް ކަޕަކީ ދުނިޔޭގެ ހުރިހާ ބައްރަކުން، ގިނަ ގައުމުތަކެއް އެއްތަން ކުރުވާ ބައިނަލްއަގްވާމީ ސުލްހައިގެ ހަރަކާތެއް ކަމަށާއި، ފީފާގެ އެންމެ ބޮޑު އަމާޒަކީ ވެސް އަދި މިފަހަރުގެ ވޯލްޑް ކަޕް ބާއްވާ ތިން ޤައުމުގެ އަމާޒަކީ ވެސް، މުބާރާތަށް ކޮލިފައިވާ ހުރިހާ ޤައުމަކުން ވެސް މުބާރާތުގައި ވާދަކުރުން ކަމަށެވެ.

މުބާރާތަށް، ހޯސްޓު ގައުމުތަކަށް އަންނަ ހުރިހާ ޤައުމެއްގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވެސް، ހޯސްޓު ޤައުމުތަކުން ވަރަށް ފުރިހަމަ މަރުހަބާއެއް ކިޔާނެކަމާ މެދުގައި އާއި، އަމާން ރައްކާތެރި މާހައުލެއް އެއިން ކޮންމެ ގައުމަކަށް ވެސް ހޯސްޓު ގައުމުތަކުން ފަހިކޮށްދޭނެކަމާ މެދު ޝައްކު ނުކުރާކަމަށް އިންފެންޓީނޯ ވިދާޅުވިއެވެ.

އިންފެންޓީނޯ މިހެން ވިދާޅުވި ނަމަވެސް، ވޯލްޑް ކަޕަށް އަންނަ އީރާން ޓީމަށް އެންމެ ރަނގަޅު ގޮތަކީ މުބާރާތަށް ނައުން ކަމަށާއި، އެ ޓީމުން އެމެރިކާއަށް އައި ނަމަވެސް، ޓީމަށް އަމާން، ރައްކާތެރި މާހައުލެއް ގާއިމްކޮށްދެވޭނެކަމުގެ ޔަގީންކަން ދެވެން ނެތްކަމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް މިހެން ވިދާޅުވުމާ ގުޅިގެން އީރާނުން ވަނީ، އެ ޤައުމުން ކުޅެން އޮތް މެޗުތައް އެމެރިކާ ނޫން ޤައުމެއްގައި ބާއްވާދިނުމަށް ފީފާގައި ރަސްމީކޮށް އެދިފައެވެ. އެހެންނަމަވެސް ފީފާއިން ވަނީ އީރާނުގެ މި އެދުމަށް ބީރުކަންފަތެއްދީ، މުބާރާތް ކުރިއަށްދާނީ ތާވަލާ އެއްގޮތަށް ކަމަށް ބުނެފައެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ޖުމްލަ 48 ޓީމަކުން ވާދަކުރެއެވެ. އީރާނަކީ އޭޝިއާ ބައްރުން މުބާރާތަށް ކޮލިފައިވި އަށް ޤައުމުގެ ތެރެއިން އެއް ޤައުމެވެ.
ފީފާއިން އީރާނުގެ އެދުން ބަލައިނުގަތުމާއެކު، މުބާރާތުގައި އީރާން ނުކުޅޭނެކަމަށް ބެލެވެއެވެ.

ދުނިޔޭގައި ވެސް ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް ފަށާނީ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.