ޚަބަރު

ޢާއިލާއާ ދުރުގައިވެސް ދިވެހިވަންތަ ޢީދެއް މައްކާގައި


  • މައްކާގައި ޢީދު ސަޔަށް ތައްޔާރުކޮށްފައިވަނީ ޢީދު މަލާފަތެއް

  • ޢުމްރާގެ އަޅުކަން ފުރިހަމަކުރި 13 އަހަރުން ދަށުގެ ކުދިންނަށް ހަނދާނީ ފިލާ ވަނީ ދީފައި

ބަރަކާތްތެރި ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރަމަޟާން މަހު ޢުމްރާއަށް އައިސްފައިވާ ފަރާތްތަށް ޚާއްސަ ޢީދު ޙަރަކާތްތަކެއް ބާއްވައިފިއެވެ. ރާއްޖެއާއި ޢާއިލާތަކާ ދުރުގައިނަމަވެސް މިޢީދު ސައިގެ ތެރެއިން ޢުމްރާވެރިންވަނީ ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްފައެވެ.

މަސްޖިދުލް ޙަރާމްގައި ކުރިއަށް ގެންދިޔަ ޢީދު ނަމާދަށްފަހު ޢުމްރާވެރިން ހޮޓަލަށް އައުމުންވަނީ ޢީދު ހަދިޔާ ބަހާފައެވެ. އަދި އެއަށްފަހުވަނީ އިސްލާމީ ސަޤާފަތުގެ ތެރެއިން ޢީދު ނަމާދަށް ފަހު ކުރިއަށްގެންދާ ޢީދު ސައެއް ބާއްވާފައެވެ. ދިވެހި މަލާފަތުގައި ތައްޔާރުކޮށްފައިވާ މި ސައިގައި ޢުމްރާވެރިންގެ ފަރާތުންވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

"އަސްލު ޢާއިލާއާއި ދުރުގައި މިގޮތަށް ޢީޑު ފާހަގަކުރުމުން ވަރަށް އުފާވެއްޖެ. ބުނެދޭންވެސް ނޭނގޭ ކުރެވޭ އިޙްސާސް." ޢުމްރާވެރިއަކު ބުންޏެވެ.

"ދަރިފުޅާއި ފިރިމީހާއާއި ދުރުގައި އަސްލު ވަރަށް ހަނދާންވޭ އުޅޭއިރު އެކަމަކު މިއަދު މިގޮތަށް ޢީޑު ފާހަގަކުރުމުން އެކަން އެހާބޮޑަށް ފާހަގައެއް ނުކުރެވޭ." އެހެން ޢުމްރާވެރިއަކު ބުންޏެވެ.

މީގެއިތުރުން ޢުމްރާއަށް އައިސްފައިވާ ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުޅިވަރުގެ ބައެއް ޙަރަކާތްތަކާއެކުވަނީ އެކުދިންނާ ޢީދު ސައި ކުރިއަށް ގެންގޮސްފައެވެ. މި ޙަރަކާތަށްފަހު ޢުމްރާގެ އަޅުކަމަށް މިރަމަޟާން މަހު އައި ޢުމުރުން 13 އަހަރުން ދަށުގެ ކުދިންނަށްވަނީ ޢުމްރާގެ އަޅުކަން ފުރިހަމަކުރުމަށް ކުރި ހިތްވަރު ފާހަގަކޮށް ހަނދާނީ ފިލާދީފައެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް ޢަލީ ޝަރީފް ވިދާޅުވީ ރާއްޖެއާއި ދުރުގައި ނަމަވެސް ދިވެހިވަންތަގޮތަކަށް ޢީދުގެ އުފާ ފާޅުކުރުމަށް ޙައްޖު ކޯޕަރޭޝަނުން އިސްކަމެއްދޭކަމަށެވެ.

ރަމަޟާން މަހު ޢުމްރާގެ އަޅުކަން އަދާކުރުމަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައިވަނީ 600 އަށްވުރެ ގިނަ ޢުމްރާވެރިން މައްކާއަށް އައިސްފައެވެ.