ޞަހްޔޫނީ ދައުލަތާއި އެމެރިކާ އިސްވެ އީރާންގެ އިސްތިޤުލާލަށް އަރައިގަނެ ފަށާފައިވާ ނުރައްކާތެރި ހަނގުރާމައާ އެކުގައި ވެސް، ދުނިޔޭގެ ތެލުގެ ބާޒާރުގެ އެންމެ މުހިންމު އެއް ނާރުގެ ގޮތުގައި ބެލެވޭ ހުރްމުޒް ކަނޑުއޮޅި އަދިވެސް އޮތީ އީރާންގެ ފުރިހަމަ ބާރުގެ ދަށުގައި ކަން، ކަނޑު ދަތުރުފަތުރުގެ މަޢުލޫމާތު ދިރާސާ ކުރާ ކުންފުނިތަކުން ހާމަކޮށްފިއެވެ. ފެބުރުވަރީ 28ގައި ފެށި ހަނގުރާމައާ ގުޅިގެން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުތަކަށް ހުރަސް އެޅިފައި އޮތް ނަމަވެސް، އީރާނުން ވަނީ އެ ޤައުމުން ނަގާފައިވާ 16 މިލިޔަނަށްވުރެ ގިނަ ފީފާ ތެޔޮ ބޭރުކޮށްފައެވެ.
މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު އިޤުތިޞާދީ ކާރިސާއާއި، ތެޔޮ ފީފާއެއްގެ އަގު 100 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އުފުލުމުގެ ޙަޤީޤީ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށެވެ. އަދި، ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށެވެ. އެމެރިކާއިން އީރާނުގެ ޚާރިޤުގެ ތެލުގެ ވިއުގައަށް އަމާޒުކޮށް ޙަމަލާދިން ނަމަވެސް، އީރާނުގެ އިޤުތިޞާދީ ދިފާޢު ފޫއަޅުވައިލުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ކަނޑު ދަތުރުފަތުރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން 90 އަށްވުރެ ގިނަ އުޅަނދު ވަނީ ކާމިޔާބުކަމާއެކު ކަނޑުއޮޅި ހުރަސްކޮށްފައެވެ.
މީގެ ތެރޭގައި ހުޅަނގުގެ ޣައިރުގާނޫނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި ދަތުރުކުރާ އުޅަނދުތަކުގެ އިތުރުން، އީރާނާއެކު ޚާއްޞަ ޚަރިޖީ ގުޅުންތައް ބާއްވާ ޤައުމުތަކުގެ އުޅަނދުތައް ހިމެނެއެވެ. އެ ގޮތުން ޕާކިސްތާނުގެ ތެޔޮ އުފުލާ އާގުބޯޓު 'ކަރާޗީ'އާއި، އިންޑިއާގެ 'ޝިވާލިކް' އަދި 'ނަންދާ ދޭވީ' ވަނީ އީރާނުގެ ޙިމާޔަތުގެ ދަށުން ރައްކާތެރިކަމާއެކު ހުރްމުޒް ހުރަސްކޮށްފައެވެ. މީގެ އިތުރުން ޗައިނާއަކީ އީރާނުގެ ތެލުގެ އެންމެ ބޮޑު ބައިވެރިޔާގެ ގޮތުގައި ސާބިތުވެ އޮތްއިރު، ޢިރާޤުން ވެސް ދަނީ އީރާނުގެ އެހީތެރިކަމަށް އެދެމުންނެވެ.
އީރާނުގެ އިންޒާރަކީ ސާފު އިންޒާރެކެވެ؛ އެމެރިކާއާއި ޔަހޫދީ ދައުލަތަށް ތާއީދުކުރާ އެއްވެސް ފަރާތަކަށް ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް، އެންމެ ލީޓަރެއްގެ ތެޔޮ ހުރަސްކުރުމުގެ ފުރުޞަތެއް ވެސް ނުދިނުމެވެ. އެ ކަނޑުއޮޅި ޙިމާޔަތް ކޮށްދިނުމަށް ހުޅަނގުގެ ދިފާޢީ އިއްތިޙާދުގެ (ނޭޓޯ) ކިބައިން ޓްރަމްޕް އާދޭސް ދަންނަވާފައިވީ ނަމަވެސް ނޭޓޯން ވަނީ އެ އާދޭހަށް ފުރަގަސްދީފައެވެ. މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނީ މި ކުރިމަތިލުމުން ފެނިގެންދަނީ އީރާނުގެ ސިޔާސީ އަދި އަސްކަރީ ކާމިޔާބީ ކަމުގައެވެ.