ޚަބަރު

ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އަދާލަތު ޕާޓީން ތާޢީދު


  • އަދާލަތުން މިގޮތަށް ނިންމީ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން

  • މިއީ ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔާތްކޮށް ނިންމި ނިންމުމެއް

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި އަދާލަތު ޕާޓީން ތާޢީދު ކުރާނީ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ކަމަށް އެޕާޓީން ނިންމައިފިއެވެ. އެޕާޓީން މިގޮތަށް ނިންމިކަން ޕާޓީން ވަނީ ރަސްމީކޮށް މީސްމީޑިއާގައި އިއުލާންކޮށްފައެވެ.

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބާއިއެކު ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި އަދާލަތު ޕާޓީން ތާޢީދު ކުރާނެ ގޮތް ހާމަކޮށްފައިވަނީ، އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމަކަށް ފަހުއެވެ. އެ ޕާޓީން ބުނީ، މި ވޯޓުގައި "ފެންނަކަމަށް" ވޯޓު ދޭން ނިންމާފައިވަނީ، ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް ކަމަށެވެ. އަދި މިގޮތަށް ވޯޓު ދިނުމަށް އެޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.


ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނަގަނީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަސްދީޤު ކުރުމާއި ގުޅޭގޮތުންނެވެ. މިހާތަނަށް އެ ބިލް ތަސްދީޤު ކުރަން ފެންނަ ކަމަށް ރާއްޖޭގެ ބޮޑު 4 ސިޔާސީ ޕާޓީއަކުން ވަނީ ހާމަކޮށްފައެވެ.

އެއީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީއާއި، ޖުމްހޫރީ ޕާޓީ އަދި މޯލްޑިވިއަން ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭ) އެވެ. މި ޕާޓީތަކުން ވޯޓުގައި ހުށަހަޅާފައިވާ ސުވާލަށް ތާޢީދު ކުރަނީ، ރާއްޖޭގައި ސިޔާސީ ހަމަޖެހުން ޤާއިމްވެފައި އޮތުމަށާއި އިންތިޚާބުތަކަށް ކުރާ ޚަރަދު ކުޑަކުރުމަށް ކަމަށް ޕާޓީތަކުން ވަނީ ބުނެފައެވެ.