ފިތުރު ޢީދުގެ މުނާސަބަތުގައި ބާއްވާ ޢީދު ހަވީރު ހަރަކާތުގައި ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި މުޢައްސަސާތަކުން ކުރިޔަށްގެންދާ ހަރަކާތްތައް ރާވާ، އެކަމުގެ ތައްޔާރީތައް ފަށައިފިއެވެ.
ފިތުރު ޢީދާއި ގުޅުވައިގެން ބާއްވަމުން އަންނަ ޢީދު ހަވީރު ހަރަކާތް އިންތިޒާމް ކުރަނީ އެމްއެންޑީއެފްއިންނެވެ. ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި މުޢައްސަސާތައް ހިމެނޭ ގޮތުން 12 ފަރާތަކުން މިފަހަރުގެ ފިތުރު ޢީދުގެ ހަރަކާތްތަކުގައި ބައިވެރިވެއެވެ.
ޓީވީއެމްގެ މިވަގުތު ޕްރޮގްރާމްގައި ފުލުހުންނާއި އެސްޓީއޯއިން "ޢީދު ހަވީރު 1447"އަށް ވަމުންދާ ތައްޔާރީތަކުގެ ތަފްސީލު ވަނީ ޙިއްސާކޮށްފައެވެ. ފުލުހުންގެ ފަރާތުން މައުލޫމާތު ޙިއްސާ ކުރައްވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ފަރުހާދު ނަސީރު ވިދާޅުވީ، ފުލުހުންގެ ފަރާތުން ޤާއިމްކުރާ ސްޓޯލްތައް މިފަހަރު ޢީދު ފާހަގަކުރާ 4 ސަރަޙައްދުގައި ޤާއިމްކުރެވޭނެ ކަމަށެވެ. މާލެ، ވިލިމާލެ، ހުޅުމާލޭގެ ދެ ފިޔަވަހީގައި ޤާއިމްކުރާނެ ކަމަށް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ފުލުހުންގެ ފަރާތުން ޤާއިމްކުރާ ސްޓޯލްގައި ތަފާތު އެކި ކުޅިވަރުތައް ރާވާފައިވާ ކަމަށާއި، މިފަހަރުގެ ޢީދުގައި ކުޑަކުދިންނާއި އެއްވަރަށް ބޮޑެތި މީހުންނަށްވެސް ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމަށް އިބްރާހިމް ފަރުހާދު ނަސީރު ވިދާޅުވިއެވެ.
އިބްރާހިމް ފަރުހާދު ނަސީރު ވިދާޅުވީ، މި ސްޓޯލްތަކަކީ މާލެ ސަރަޙައްދުގެ ކުދި ބޮޑު އެންމެންނަށް އެކުވެރި އުފާވެރި އަދި ރައްކާތެރި މާޙައުލެއް ޤާއިމްކޮށްދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. ސްޓޯލްތަކުގެ އިތުރުން މާލެ ސަރަޙައްދުގެ އެކި ތަންތަނުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ހަރަކާތްތެރިވާނެ ކަމަށެވެ.
އެސްޓީއޯގެ ފަރާތުން ކޯޕަރޭޓް މާކެޓިންގ އެންޑް ސީއާރްއެސް މެނޭޖަރ ފާތިމަތު ޝަރުވާ ވިދާޅުވީ، އެސްޓީއޯގެ ސްޓޯލް މިފަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި އެކަނި ކަމަށެވެ. އެ ސްޓޯލްގެ ހަރަކާތްތައް ރާވާފައިވަނީ، ހުރިހާ އުމުރުފުރާއަކަށްވެސް ބައިވެރިވެވޭނެ ގޮތަށް ކަމަށް ވިދާޅުވިއެވެ. ޝަރުވާ ވިދާޅުވީ، އެހެން އަހަރުތަކާއި ޚިލާފަށް މި އަހަރު އިންތިޒާމުތައް ތަފާތުވާނެ ކަމަށެވެ.
އެސްޓީއޯގެ ސްޓޯލް 3 ޒޯނަކަށް ބަހާލާފައި ވާނެ ކަމަށާއި، މިއިން ކޮންމެ ޒޯނެއްގައިވެސް ތަފާތު އެކި ކުޅިވަރުތައް ޚާއްޞަ ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކުޅިވަރުތަކުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްޞަ ޢީދު ހަދިޔާއެއް ލިބޭނެ ކަމަށް ފާތިމަތު ޝަރުވާ ވިދާޅުވިއެވެ.
ޢީދު ހަވީރު 3 ދުވަހަށް ކުރިއަށްދާނެއެވެ. އެއީ، ޢީދު ދުވަހާއި އެއާއި ވިދިގެން އަންނަ 2 ދުވަހެވެ. މި ހަރަކާތްތައް ކުރިއަށްދާނީ، ގްރޭޓަރ މާލޭގެ 4 ސަރަހައްދެއްގައެވެ. އެގޮތުން މިއަހަރު މުޅިން އަލަށް ވިލިމާލެ ޓާފް ދަނޑުގައި ޢީދު ހަވީރު ހަރަކާތް ކުރިއަށްދާނެއެވެ.
މީގެއިތުރުން ހުޅުމާލެ ހިޔާ ފާކް، ސެންޓްރަލް ޕާކް އަދި މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައިވެސް މި ހަރަކާތްތައް ކުރިއަށްދާނެއެވެ. ޖުމްހޫރީ މައިދާން ސަރަހައްދުގައި ހަރަކާތްތައް ކުރިއަށްދާނީ، އިސްލާމީ މަރުކަޒު ކުރިމަތީގައި އޮންނަ މާބުލް ސަރަހައްދާއި، ސަލްޓަން ޕާކާއި، އިއްޒުއްދީން ފާލަމުގެ އިތުރުން ފަޅުތެރެވެސް ހިމެނޭ ގޮތަށެވެ. މި ހަރަކާތްތައް ކުރިއަށްދާނީ، ހަވީރު 16:00 އިން 18:00 އަށެވެ.