ރޯދަމަހުގެ ފެށިގެން އައިއިރު މަހުގެ އަގު ދަށްވިނަމަވެސް ފަހު ދިހައެއްގައި މަހަށް ފުރާ މިންވަރު ދަށްވުމާއެކު މަހުގެ އަގު އުފުލިފައިވާ ކަމަށް މަސްވިއްކާ ފަރާތްތަކުން ބުނެފިއެވެ.
ބާޒާރުގައި ރޯ މަހުގެ އަގުތަކަށް އެކި ދުވަސްވަރު ބަދަލުތައް އާދަދެއެވެ. ޚާއްސަކޮށް މަސްވެރިކަން އިތުރުވާ ދުވަސްކޮޅު އަގުތައް ހެޔޮވިނަމަވެސް، މަސްވެރިކަން ދަށްވެގެންދާ ދުވަސް ވަރަކީ ބާޒާރުމަތިން މަހުގެ އުފުލޭ ދުވަސްވަރެކެވެ.
އާންމުކޮށް ދިވެހިން ބޭނުންކުރާ ކަނޑުމަސް ކިލޯއެއް މަސް މާރުކޭޓުގައި ވިއްކަން ހުރީ، 35ރ. އާއި 50ރ. ދެމެދު އަގެއްގައެވެ. މިއީ ރޯދަމަހުގެ ކުރީކޮޅު 25ރ އަދި 35ރ. ދެމެދު އަގުތަކެއްގައި ލިބުނު މަހެކެވެ. ކަންނެލީގެ އަގަށްވެސް މިއަދު ބާޒާރުމަތީގެ ބަލާއިރު އާންމު އަގަށް ވުރެ ތަންކޮޅެއް ބޮޑެވެ. މީގެ ކުރިން ރޯދަ މަސް ފެށުނު އިރު، 35ރ އިން ފެށިގެން ކަންނެލި ކިލޯއެއް ލިބޭއިރު، މިއަދު ބާޒާރު މަތީގައި ކަންނެލި ހުރީ، 50ރ. އިން މަތީގައެވެ.
ރޯދަމަހުގެ ފަހުކޮޅަށް އައިސް ބައެއް އެހެން މަސްތަކުގެ އަގު ދަށްވެފައިވެއެވެ. އެގޮތުން މަހުގެ އަގު ދަށްވި އެއް ބާވަތަކީ މުށި މަހެވެ. މުށި މަސް ކިލޯއެއް ރޯދަމަސް ފެށުނިއިރު 20ރ. ދިން ނަމަވެސް މެދާއި ހަމައަށް އައިރު އަގު އުފުލިގެން ގޮސް 50ރ އަށް އެރިއެވެ. ނަމަވެސް މިއަދު ބާޒާރު މަތީގައި މުށިމަސް ކިލޯއެއް، 25ރ އާއި 35ރ އަގުތަކެވެ. ދޮން މަސް އަދި ރިތް މަހުގެ އަގުވެސް އެވަރޭޖްކޮށް މިއަގުތަކުގައި ހިފެހެއްޓިފައިއެވެ.
މިއަދު ބާޒާރުގައި އެންމެ ބޮޑަށް ތިޔާގިކޮށް ލިބެން ހުރި އެއް ބާވަތަކީ ހަންޖެވެ. ހަނދީގެ އެކި ސައިޒުތައް ހުރިއިރު 50ރ. އިން ފެށިގެން 100ރ. ދެމެދު އެކި ސައިޒުގެ ހަނދި މަސް މާރުކޭޓުން ދަނީ ވިއްކަމުންނެވެ. ފަރުމަހުގެ ބާވަތެއް ކަމަށްވާ ފިލޮޅު 30ރ އަށް ވިއްކަމުންދާއިރު ތޮޅި މިއަދު ވިއްކަމުންދަނީ 20ރ. އަށެވެ. ރޯދަ މަހުގެ ކުރީކޮޅު ފިލޮޅުގެ އަގު 100ރ އަށް ވެސް އެއް ފަހު އުފުލިގެން ދިޔައެވެ. ތޮޅި އަކީ ރޯދަމަހުގެ ކުރީކޮޅު 30ރ އަށް ވިއްކި އެއް ބާވަތެކެވެ.
ރޯދަމަހު މަހުގެ އަގުތަކަށް އައި ބަދަލާއި ގުޅޭގޮތުން ޕީއެސްއެމްއާއި ވާހަކަ ދައްކަވަމުން މަސް މާރުކޭޓުގައި ހަރަކާތްތެރިވާ މަސް ވިއްކާ ފަރާތެއް ބުނީ، ރޯދަ މަހުގެ ކުރީކޮޅު މަހުގެ އަގު ހެޔޮވީ އޭރު މަސް ލިބެމުން ދިއުމުން ކަަމަށެވެ. ނަމަވެސް މިހާރު މިއީ ރޯދަމަހުގެ ފަހު ދިހައެއްކަށް ވުމާއި، އަދި އާންމުކޮށްވެސް މިދުވަސް ވަރަކީ އެންވެރިކަން ދަށްވާ ދުވަސްވަރެއް ކަމުން މަސް ނުލިބޭ ކަމަށެވެ. މިއާއެކު ފަހު 10 އަކަށް އައިސް މަހުގެ އަގު އުފުލިގެން ދިޔަ ކަމަށް އޭނާ ފާހަގަކުރެއެވެ.
މީގެ ކުރީގެ އަހަރުތަކަށް ބަލާއިރު ރޯދަމަހު ފަހު ދިހައެއްގައި މަހުގެ އަގު އުފުލިދެއެވެ. އެއީ މަސްވެރިކަމަށް މި ދުވަސްކޮޅު ނިކުންނަ ދޯނިތައް މަދުވުމާއި ދުރުން، މަސް ގަންނަން ޖެހުމުން ކަމަށް މަސްވެރިން ބުނެއެވެ.