ކޮންމެ އިންތިޚާބަކާ ދިމާކޮށްވެސް ކޮރަޕްޝަނާ ގުޅުންހުރި ތަފާތު ވާހަކަތައް އަޑުއިވެއެވެ. ވޯޓު އިއުލާންކޮށް، ކެންޑިޑޭޓުން ޔަޤީންވާ ހިސާބުން ވިޔަފާރިއެއްހެން ވޯޓު ގަނެވިއްކުން އާންމު ކަމަކަށް ވަނީ ވެފައެވެ. މީގެ ސަބަބުން ގެއްލެނީ ތެދުވެރިކަމާއެކު ވޯޓުލުމުގެ ޙައްގު އަދާކުރާ މީހުންނާއި ތެދުވެރިކަމާއެކު ވޯޓު ހޯދަން މަސައްކަތް ކުރާ ކެންޑިޑޭޓުގެއެވެ.
ރާއްޖޭގެ މުޖުތަމަޢުގައި ވޯޓު ގަނެވިއްކުން އާދައިގެ ކަންކަމަށްވެފައިވާ މިންވަރު ހާމަވެގެންދަނީ ކޮފީ މޭޒުތަކުގައި މިފަދަ ވާހަކަތައް ހާމަކަން ބޮޑު ގޮތެއްގައި ދެކެވެމުވެ. ވޯޓުލާނީ ކޮން ކެންޑިޑޭޓަކަށްތޯ ސުވާލުކުރުމުން އާންމު ރައްޔިތު މީހާވެސް ތިމާ ވޯޓު ދޭނީ މިފަހަރު ލާރި ދިން ކެންޑިޑޭޓަކަކަށް ކަމަށް އެއްވެސް ބިރަކާނުލައި ބުނެވުމެވެ. މިއީ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަ ކޮންމެ ރައްޔިތަކުވެސް ޤަބޫލުކުރާނެ ހަގީގަތެކެވެ.
އިންތިޚާބެއް އިއުލާންކުރާ ތާރީޚުން ފެށިގެން އެ އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ 30 ދުވަހުގެ ނިޔަލަށް އެއްވެސް އިންތިޚާބީ ޙައްގެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކި ފަރާތަކަށް ފައިދާވާގޮތަށް ވޯޓުދޭން ޝަރުތުކޮށް ޝުކުރެއްގެ ގޮތުންވެސް، ހަދިޔާއެއްގެ ގޮތުންވެސް އަދި އެ ނޫންވެސް ގޮތަކުންވިޔަސް އެއްޗެށް ދިނުމާއި ދޭން ހުށަހެޅުމާއި ދޭން ދައުވަތު ދިނުމަކީ އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގެ ދަށުން މަނާކޮށްފައިވާ ކަމެކެވެ. މިފަދަ ކޮންމެ އަމަލެއްވެސް ބަލައިގަނެވޭނީ ރިޝްވަތުގެ އަމަލެއްގެ ގޮތުގައެވެ. ކުޑަ ކަމެއްގެ ގޮތުގައި ދެކިގެން ވޯޓުގެ ބަދަލުގައި ފައިސާއަށް އެދުނުނަމަވެސް މި އެދެވެނީ ރިޝްވަތަށެވެ.
ރިޝްވަތަކީ ފައިސާ އެކަންޏެއް ނޫނެވެ. ވޯޓުގެ ބަދަލުގައި ވަޒީފާތައަށް ނުވަތަ އެ ނޫންވެސް އެހެން އެއްޗަކަށް އެދުމަކީ ނުވަތަ ހުށަހެޅުމަކީވެސް ރިޝްވަތެކެވެ. މިފަދަ ކަންކަމަކީ އެ ވަގުތުގައި ތިމާއަށް ނުވަތަ ތިމާގެ އާއިލާއަށް ފައިދާކޮށްފާނެ ކަމެކެވެ. ޤާނޫނުއަސާސީން ތިމާއަށް ކަށަވަރުކޮށްދީފައިވާ ޙައްގުގައި ޓެގު ޖަހައި ވިއްކާލަނީ އެކުރެވޭ އަމަލީ އޭގެ ސަބަބުން ކުރިއަށް އޮތްތަނުގައި ތިމާއަށްވެސް އަދި ތިމާ ދިރިއުޅޭ މުޖުތަމައަށްވެސް އޭގެ ނޭދެވެ އަސަރުކޮށްފާނެކަމުގެ އެއްވެސް ވިސްނުމެއް ނެތިއެވެ.
މިއަދު ވަޒީފާއަކަށް ނުވަތަ ފައިސާއަށް ވޯޓު ވިއްކާލުމުގެ ސަބަބުން އެ ރައްޔިތަކު ތަމްސީލުކުރުމަށް އިންތިޚާބުވާ މެންބަރަކީ އެންމެ ގާބިލު މެންބަރަށް ނުވެދާނެއެވެ. މީގެ ސަބަބުން އެ މަގާމަކީ ރައްޔިތުންނާއި އެ މުޖުތަމަޢަކަށް ބޭކާރު މަގާމަކަށް އޮންނަނީ ވެފައެވެ. ރަށަށް ނުވަތަ ޤައުމަށް އެއްވެސް ތަރައްގީއެއް ނުލިބޭނެއެވެ.
ރައްޔިތުން ތަމްސީލުކުރާ މެންބަރުން އިންތިޚާބު ކުރުމުގައި ބަލަންވީ އެ މީހެއްގެ އެކައުންޓުގައި ފައިސާ ހުރި މިންވަރަކަށް ނޫނެވެ. ނުވަތަ އެ މީހެއްގެ ނުފޫޒުން ތިމާއަށް ލިބޭނެ ފައިދާތަކަކަށް ނޫނެވެ. މިއީ ތިމާއަށް ލިބޭނެ ވަގުތީ ފައިދާއެކެވެ. އޭގެ ބަދަލުގައި ބަލަންވީ އެ މީހަކު އެ މަގާމަކަށް އިންތިޚާބުކޮށްފިނަމަ ތެދުވެރިކަމާއެކު މަގާމުގެ ޒިންމާއަދާކޮށް، ރައްޔިތުންގެ ކުރިއެރުމާއި ޤައުމާއި މުޖުތަމަޢުގެ ކުރިމަގަށް މަސައްކަތް ކުރާނެތޯއެވެ. އެ ކެންޑިޑޭޓެއްގެ މެނިފެސްޓޯއަށެވެ.
ވޯޓަކީ ކޮންމެ 5 އަހަރަކުން ރައްޔިތުންނަށް ކަންކަން ރަނގަޅު ކުރުމަށްޓަކައި ލިބޭ ފުރުސަތެކެވެ. އެ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ ކޮންމެ ރައްޔިތެެއްގެވެސް ޒިންމާއެކެވެ. އެތައް ބައެއްގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އަމަލުކުރަންވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ.
ރާއްޖޭގައި އާންމުވެފައިވާ ރިޝްވަތުގެ މި އަމަލުތައް ހުއްޓުވޭނީ ކޮންމެ ރައްޔިތަކުވެސް އެފަދަ ކަންކަމާ ދެކޮޅަށް ތެދުވެގެންނެވެ. އެފަދަ އަމަލެއް ފާހަގަކުރެވޭނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށް، ރިޝްވަތު ހުށަހަޅާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެގެންނެވެ.