ޙަޖަރުލް އަސްވަދަކީ، ސުވަރުގޭގެ ހިލައެކެވެ. އެއްކޮށް އޮންނަ ހިލަ ގަނޑެއްގޮތުގައި އެންމެ ފުރަތަމަ ހިލަގަނޑު އޮތްނަމަވެސް، ތާރީޚުގެ ތެރޭގައި ހިނގާދިޔަ އެކި ޙާދިސާތަކުގައި ޙަޖަރުލް އަސްވަދު މިހާރުވަނީ ކުޑަ 8 ހިލަ ކޮޅެވެ.
ޙަޖަރުލް އަސްވަދަކީ ކަޢުބަތުﷲގެފުޅުގެ ދޮރުކޮޅާއި ދިމާލަށް ކަނެއްގައި ރިހިކުލައިގެ ރިންގެއް ތެރޭގައި ހަރުކޮށްފައި ހުންނަ ހިލަކޮޅުތަކެކެވެ. ޠަވާފުކުރުމަށް ފަށައިގަންނަނީ ޙަޖަރުލް އަސްވަދުންނެވެ.
ޢަބްދުﷲ އިބްނު ޢައްބާސްގެ ރިވާޔަތްތަކުން އެނގޭގޮތުގައި ޙަޖަރުލް އަސްވަދު ދެނެވުނީ ސުވަރުގެއިން ޢާދަމް ޢަލައިހިއްސަލާމްގެ ދުވަސްވަރުގައެވެ. އަދި ނޫޙްގެފާނުގެ ދުވަސްވަރު އައި ޠޫފާނުގައި ޙަޖަރުލްއަސްވަރު މާތްﷲ ޤުބައިސް ކިޔުނު ފަރުބަދަޔަށް އުފުއްލެވިއެވެ. އަދި ފަހުން ކަޢުބާ ބިނާކުރެއްވިއިރު ޖިބްރީލްގެފާނުވަނީ ޙަޖަރުލް އަސްވަދު އިބްރާހީމްގެފާނަށް ގެނެސްދެއްވާފައެވެ.
ޙައްޖު އަދި ޢުމްރާއަށްދާ ކޮންމެ މީހެއްގެވެސް އެންމެ ބޮޑު އެއް ޢަޒުމަކީ ޙަޖަރުލް އަސްވަދުގައި ބޮސްދިނުމެވެ. ސަބަބަކީ ކީރިތި ރަސޫލާ އެގޮތަށް ޢަމަލުކުރެއްވީތީއެވެ. އެކަލޭގެފާނުގެ ސައްޙަ ޙަދީޘުން ޙަޖަރުލް އަސްވަދުގައި އަދި ރުކުނުލް ޔަމާނީގައި އަތްތިލަ ބީހިލުމަކީ ފާފަތަށް ފޮހެވޭކަމެއްކަމުގައި އަންގަވާފައިވެއެވެ.
އެކަލޭގެފާނުގެ ޙަދީޘުން އެނގޭގޮތުގައި ސުވަރުގެއިން ޙަޖަރުލް އަސްވަދު ގެނެވުނުއިރު އޭގެ ހުދުކަން، ގަނޑުފެންގަނޑަކަށްވުރެ ގަދަވެގެންވެއެވެ. އަދި އެހިލަގަނޑު ކަޅުވެފައިވަނީ މީސްތަކުންގެ ފާފަތަކުގެ ސަބަބުންކަމަށް އެކަލޭގެފާނުވަނީ ވިދާޅުވެފައެވެ.
ޙަޖަރުލް އަސްވަދުގައި ބޮސްދިނުމަކީ ސުންނަތެކެވެ. އެކަން ކީރިތި ރަސޫލާ ނުކުރެއްވިނަމަ އެކަން އެގޮތަށް ނުކުރައްވާނެކަމަށް އެކަލޭގެފާނުގެ މާތް ޞަޙާބީ ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. ސަބަބަކީ އެއީ ހަމައެކަނި ހިލަގަނޑެއްކަމަށާއި އެއިން މީހަކަށް ގެއްލުމެއް އަދި ފައިދާއެއްވެސް ކޮށްނުދެވޭނެ އެއްޗެއްކަމަށް ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ.
އިސްލާމްދީން ފާޅުވީއިރު މުސްލިމުންގެ މީސްކޮޅު މަދުނަމަވެސް މިއަދު ދުނިޔޭގެ އެތައް މިތަނުން ކަޢުބަތުﷲގެފުޅަށް ޒިޔާރަތްކުރެއެވެ. ޙަޖަރުލް އަސްވަދުގައި ބޮސްދިނުމަކީ ކޮންމެހެން ލާޒިމްކަމެއްކަމުގައި ޤަބޫލުކޮށް، އެތައް ބަޔަކަށް އަނިޔާވާފަދަ ގޮތަކަށް އަމިއްލަ ނަފްސު ނުރައްކަލަށް ވައްޓާލައިގެންވެސް ޙަޖަރުލް އަސްވަދުގައި ބޮސްދިނުމަށް މަސައްކަތްކުރެއެވެ. އެއީ އިސްލާމްދީން ބާރުއަޅާގޮތެއް ނޫނެވެ. އިސްލާމްދީނަކީ ލުއިފަސޭހަކަމުގެ ދީނެވެ. އެއީ ރައްކާތެރިކަމުގެ ދީނެވެ. އެހެންކަމުން ޢިލްމުވެރިން ވިދާޅުވަނީ، ޙަޖަރުލް އަސްވަދުގައި ބޮސްދެވޭނެ ފަދަ ގޮތެއް ނެތްނަމަ، އަތުން ޢިޝާރާތްކުރުމަށެވެ.
ޙަޖަރުލް އަސްވަދުގެ ތާރީޚަށް ބަލާއިރު ޔަމަނުގެ ޤަބީލާއެއްކަމުގައިވާ ބަނޫ ޖުރުޙްމްގެ މީސްތަކުން ކަޢުބާ ކައިރީ ވަޒަންވެރިވެ އިސްމާޢީލްގެފާނުގެ ދަރިކޮޅުގެ މީކޮޅު ފައްސާލިކަމަށް ބުނެވެއެވެ. އަދި އެޤަބީލާގެ މީހުންގެ ދުއްތުރާ ބޮޑުވެ ޢަރަބިންވަނީ އެޤަބީލާއާއި ދެކޮޅަށް ހަނގުރާމަކޮށް އަނބުރާ ޔަމަނަށް ފޮނުވާލާފައެވެ. މިހަމަނުޖެހުމުގައި އެމީހުންވަނީ ކަޢުބާގެ މުހިއްމު އެކި ބައިތައް ޒަމްޒަމް ވަޅަށް ލައި، ވަޅާއެކު ފޮރުވާފައެވެ. އެވަޅު ފަހުން ފެނިވަޑައިގަތީ ކީރިތި ރަސޫލާގެ ކާފާފުޅު ޢަބްދުލްމުއްޠަލިބްގެފާނަށެވެ.
މައްކާއަށް ކުރިމަތިވީ ފެނުގެ ޠޫފާނެއްގައި ކަޢުބާ އަނެއްކާވެސް ހަލާކުވުމުން މައްކާގެ މުޝްރިކުން ނިންމީ ކަޢުބާ އަލުން ބިނާކުރާށެވެ. އެއަށްފަހު ޙަޖަރުލް އަސްވަދު ބޭންދުމުގެ ޝަރަފު ދޭނެ ވަންހައެއް ނޭނގިގެން މަދަނީ ހަމަނުޖެހުމަކަށް ދިޔުމާއި ގާތްވެފައިވަނިކޮށް އެކަމުގައި އެންމެ ޙިކުމަތްތެރިގޮތް ކަނޑައެޅުއްވީ އަޅުގަނޑުމެންގެ މާތް ސާހިބާ މުޙައްމަދުގެފާނެވެ. އެގޮތުން ހުރިހާ ވަންހައަކަށްވެސް ހަމަހަމ ފުރުސަތުދެއްވާ ހުދުފޮތިގަނޑެއް މައްޗަށް ހިލަގަނޑުލެއްވުމަށްފަހު، ކަޢުބާގައި ހިލަގަނޑު ބޭންދެވީ އެކަލޭގެފާނެވެ.
ޙަޖަރުލް އަސްވަދުގެ ތާރީޚުން ގިނަ ފިލާވަޅުތަކެއް މުސްލިމުންނަށް ދަސްކޮށްދެއެވެ. ޙިކުމަތްތެރިކަމާއި ދީނުގެ ކަރާމަތްތަކަށް ކަމޭހިތުމާއި ބާރުވެރިކަން އަންނަނީ ﷲގެ ފަރާތުންކަން މިހިލައިގެ ތާރީޚުން އޮތީ ފެންނާށެވެ.