ޚަބަރު

މަރުވެފައި އޮއްވައި ހިތަދޫން ފެނުނު މީހާ ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ


  • މަޢުލޫމާތު އިނގޭނަމަ 9791612 އަށް ގުޅައި ޙިއްސާ ކުރުމަށް ވަނީ އެދިފައި

  • މަރުވެފައި އޮއްވާ ފެނުނީ ދޮން ނަސްލުގެ ފިރިހެނެއް

އައްޑޫ ސިޓީ ހިތަދޫގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީއަކީ ކާކުކަން ދެނެގަތުމަށް ފުލުހުން އާންމުންގެ އެހީތެރި ކަމަށް އެދިއްޖެއެވެ.

އައްޑޫ ސިޓީ، ހިތަދޫ ފަތާ ޓްރެކް ސަރަޙައްދުން މަރުވެފައި އޮތް މީހަކު ފެނިގެން މިއަދު ހަވީރު 16:41 އެހާއިކަންހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.
މި ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މީހާގެ ހަށިގަނޑު ވަނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މަރުވެފައިވާ މީހާއަކީ ބޭރު ޤައުމަކަށް ނިސްބަތްވާ މީހެއްކަމަށް ބެލެވޭ ދޮން ނަސްލުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މިހާތަނަށް އޭނާއަކީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށާއި އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ މިސިންގ ޕަރސަންސް ރިޕޯޓެއް ވެސް މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެންކަމުން ފުލުހުން ވަނީ، އެ މީހާއަކީ ކާކުކަން ދެނެގަތުމަށް އެހީތެރިވެދެވޭނެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ނުވަތަ އެ ސަރަޙައްދުގައި އުޅޭ ބިދޭސީއެއްގެ ޚަބަރެއް ނުވެގެން އުޅޭނަމަ، ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅައި މައުލޫމާތު ޙިއްސާ ކުރުމަށް އެދިފައެވެ.