ޚަބަރު

ތެޔޮ ލިބޭނެ އިތުރު މާކެޓްތައް ދަނީ ހޯދަމުން


  • އަވަށްޓެރި ޤައުމުތަކާއެކުވެސް ދަނީ މަޝްވަރާކުރަމުން

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ތެޔޮ ލިބުން ދަތިވުމާއި ގުޅިގެން ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރުގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިހެން ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެއެވެ.

މެދުއިރުމައްޗާއި ގަލްފުގެ ޤައުމުތަކުގައި ހިނގަމުންދާ ހަމަލާތަކާއި ރައްދުގެ ގޮތުގައި ދެމުންދާ ހަމަލާތަކުގެ ސަބަބުން އިމްޕޯޓައް ބަރޯސާވެފައިވާ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ދިމާވެދާނެ އިޤްތިޞާދީ އަދި ސަމާލަތީ ކަންކަން އެ ކޮމިޓީއިން ބަލަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ޤައުމުގެ މަސްލަހަތު ހިމާޔަތްކުރުމާއި އެކަށީގެންވާ ވަގުތުގައި ހަރުދަނާ ނިޒާމެއްގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ދިރާސާކުރަމުންދާކަމަށެވެ. ރާއްޖެއަށް އެއްވެސް ދަތިކަމެއްނެތި ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަރުދަނާ ކުރަމުންދާކަމަށް ވަޒީރު ޚަލީލް ވިދާޅުވިއެވެ. ރާއްޖެއަަށް ތެޔޮ ގެންނަނީ މެދުއިރުމަތީގެ ސަރަހައްދުންނެވެ. ނަމަވެސް އެ ސަރަހައްދު މި ވަގުތު ބަންދުކޮށްފައިވުން ތެޔޮ ލިބޭނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ޚަލީލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަވަށްޓެރި ޤައުމުތަކާއި އެހެން އިތުރު ޤައުމުތަކުންވެސް ތެޔޮ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތަކީ ވަކި ޤައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ޔެތޮ ހޯދުން ސިންދަފާތުކުރުމަށް ކުރެވޭ މަސައްކަތެއްކަަމަށެވެ.

"ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެކި ގޮތްގޮތުން އެކި ޤައުމުތަކާއެކު އެބަކުރެވޭ. މިއީ ވަކި ޤައުމަކަށް ނުވަތަ މަދު ޤައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ތެޔޮ ހޯދުން ޑައިވާސިފައިކުރުމަށް ކުރެވޭ މަސައްކަތް" ވަޒީރު ހަލީލް ވިދާޅުވިއެވެ.

ހާރިޖީ ވަޒީރު ވިދާޅުވީ ދިގުމުއްދަތުގައި މިހާރު މިކުރެވޭ މަސައްކަތަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު %25 އާއި %30 ވަނީ އުފުލިފައެވެ. ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލާއެކު ސަރުކާރުން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާނީ ބާޒާރަށް އަންނަ ބަދަލަށް ރިއާޔަތްކޮށްގެން ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރު ކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުނެއެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތް ކުރާ އާބާދީ ވެސް އިތުރުވަމުން އަންނައިރު އެ ހުރިހައި އެންމެންނަށް ކޭޓާ ކުރެވޭ ވަރަށް ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ސަރުކާރުން އަންނީ ކުރަމުންނެއެވެ.