ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށް / ބޭސްގެ، މުޙައްމަދު އިބްރާހީމް (43އ) އެވެ. މި މަހު 10 ވަނަ ދުވަހުގެ ރޭ މާވަށު ފުލުހުން، އެ ރަށް ޕެޓުރާލްކުރުމުން ދިޔައިރު އޭނާއާމެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލާފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 63 ރަބަރު ޕެކެޓް ފެނިފައިވާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށާއި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.