ޚަބަރު

ޢީދު ބައިބަލާ ޗެލެންޖް 1447ގެ ޓައިޓްލް ސްޕޮންސަރަކަށް ޗާޖްޑް ގޯލްޑް


  • މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ މިއަދު

  • ބައިބަލާ އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ސައީދު އަލީ

  • ޗާޖްޑް ގޯލްޑްގެ ފަރާތުން ސޮއިކުރެއްވީ ބްރޭންޑް މެނޭޖަރ އަމްރް އަކްރަމް

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ޢީދު ބައިބަލާ ޗެލެންޖް 1447 ގެ ޓައިޓްލް ސްޕޮންސަރަކަށް ޗާޖްޑް ގޯލްޑް ހަމަޖައްސައިފިއެވެ.

ލިލީ އެފް އެންޑް ބީ އިން އެތެރެ ކުރާ ޗާޖްޑް ގޯލްޑަކީ 2025 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ މާކެޓުން ލިބެން ހުންނަ ބުއިމެކެވެ.

ޢީދު ބައިބަލާ ޗެލެންޖް 1447 ގެ ޓައިޓްލް ސްޕޮންސަރަކަށް ޗާރޖްޑް ގޯލްޑް ހަމަޖެއްސީ ލިލީ އެފް އެންޑް ބީގައި ބޭއްވި ރަސްމިއްޔާތެއްގައި، ބައިބަލާ އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ސެކެއްޓްރީ ޖެނެރަލް ސައީދު އަލީއެވެ. ލީލީ އެފް އެންޑް ބީގެ ފަރާތުން ސޮއި ކުރެއްވީ ޗާޖް ގޯލްޑްގެ ބްރޭންޑް މެނޭޖަރ އަމްރް އަކްރަމެވެ.

މި ރަސްމިއްޔާތުގައި ބައިބަލާ އެސޯސިއޭޝަންގެ ޖެނެރަލް ސެކެއްޓްރީ ސައީދު ވިދާޅުވީ ޢީދު ބައިބަލާ ޗެލެންޖް މިއަހަރު ކުރިޔަށްދާނީ ޑަބަލް އެލިމިނޭޝަން އުސޫލުން ކަމަށެވެ. ފޯމެޓަށް ގެނެވުނު ބަދަލާއެކު މުބާރާތުގައި ވާދަކކުރާ ޓީމުތަކަށް އިތުރު ފުރުސަތުތައް ލިބިގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ. ސައީދު ވިދާޅުވީ މިހާރު ޓީމުތަކުން ފަށާފައިވާ ފަރިތަކުރުންތަކަށް ބަލާއިރު މިއަހަރު 35 ޓީމު ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"ކުރިން މުބާރާތަކީ 5 ވަރަކަށް ދުވަހުން ނިމޭ މުބާރާތެއް. ފޯމެޓް ބަދަލުކުރުމާއެކު ކޮންމެ ޓީމަކަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ. އުންމީދަކީ މަދުވެގެން 35 ޓީމުވަރު ބައިވެރިވާނެކަމަށް" ސައީދު ވިދާޅުވިއެވެ.

ޗާޖްޑް ގޯލްޑްގެ ބްރޭންޑް މެނޭޖަރ އަމްރް ވިދާޅުވީ އީދު ބައިބަލާގެ ޓައިޓްލް ސްޕޮންސަރަކަށް އެ ބުއިން ހަމަޖެއްސީ ރާއްޖޭގެ ކުޅިވަރު އެރީނާތަކުގައި އެ ބުއިން އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމުގެ ބޭނުމުގައި ކަމަށެވެ.

މާޗު 21 ގައި ފަށާ އީދު ބައިބަލާ ޗެލެންޖް 1447 ގެ މީޑިއާ ޕާޓްނަރަކީ ޕީއެސްއެމްއެވެ. މުބާރާތުގެ ހުރިހާ މެޗެއް، ޕީއެސްއެމްގެ "ޔެސް ޓީވީ" އިން ވަގުތުން ގެނެސްދޭނެއެވެ.

މިދިޔަ އަހަރު ބޭއްވި ޢީދު ބައިބަލާ ޗެލެންޖްގެ ޗެމްޕިއަންކަން ހޯދީ ޓީއެފްޓީން ނެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދި ފުރަތަމަ ފަހަރެވެ.

ނޮކްއައުޓް އުސޫލުން ކުރިއަށްދިޔަ އެ މުބާރާތުގައި 29 ޓީމެއް ވާދަކުރިއެވެ. މިދިޔަ އަހަރު މުބާރާތް ކުރިޔަށް ގެންދިޔައީ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ. މި އަހަރުވެސް މި މުބާރާތް އޮންނާނީ ހަމަ އެ ސަރަހައްދުގައެވެ.