ޚަބަރު

ސާފް ޗެމްޕިއަންޝިޕް: ރާއްޖެއިން ފުރަތަމަ މެޗުގައި ނިކުންނާނީ ލަންކާއާ ދެކޮޅަށް


  • ރާއްޖެ ހިމެނެނީ މުބާރާތުގެ ގްރޫޕް އޭ ގައި

  • ގްރޫޕް އޭ: ދިވެހިރާއްޖެ، ނޭޕާލް، ބޫޓާން، ސްރީލަންކާ

  • ރާއްޖޭގެ ފުރަތަމަ މެޗު، 23 ވަނަ ދުވަހުގެރޭ

ރާއްޖޭގައި މި މަހު 23 ވަނަ ދުވަހު ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި، މުބާރާތް ހުޅުވާ މެޗުގައި ދިވެހިރާއްޖެއިން ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.

ސާފް އިން މުބާރާތުގެ މެޗު ތާވަލު އާންމުކޮށްފައިވާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލްއާއި ބޫޓާން ބައްދަލުކުރާނީ 23 ވަނަ ދުވަހު ހަވީރެވެ. އެރޭ އޮންނަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މުބާރާތް ހުޅުވާ މެޗުގައި ރާއްޖޭގެ ފުރަތަމަ މެޗު ކުޅޭނެއެވެ.

މުބާރާތުގައި ރާއްޖެއިން ދެވަނަ މެޗު ކުޅޭނީ 25 ވަނަ ދުވަހުގެރޭ، ބޫޓާނާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި 27 ވަނަ ދުވަހު ނޭޕާލާ ދެކޮޅަށް ރާއްޖެއިން ނުކުންނާނެއެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު، ދެ ގުރޫޕުގެ ވެސް އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާއިރު ސެމީގެ ފުރަތަމަ މެޗު ކުޅޭނީ އޭޕްރިލް 1 ގެ ހަވީރެވެ. އެރޭ ސެމީގެ ދެވަނަ މެޗު ކުޅޭނެއެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އޭޕްރިލް 3 ވަނަ ދުވަހުއެވެ. މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ. ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނެނީ ލަންކާއާއި ނޭޕާލް އަދި ބޫޓާނެވެ.

ގްރޫޕް ބީގައި ހިމެނޭނީ ތިން ޓީމެވެ. އެއީ ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނެވެ.