ޚަބަރު

ޓެކްސީލައިންގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނުތަކެއް!


  • މި ސެޝަންތަކުގައި ޑްރައިވަރުން އަހުލުވެރި ކުރުމަށް މައުލޫމާތު ދީފައިވޭ

  • މީގެ ސަބަބުން ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ

  • ރޯދަ މަސް ނިމުމުގެ ކުރިން ޓެކްސީލައިންގެ ޚިދުމަތް ފަށާނެ ކަމަށް ވަޒީރު ވިދާޅުވި

ޓެކްސީލައިނަށް މިހާރު ނަގާފައި ތިބި މުވައްޒަފުން ޚިދުމަތައް އަހުލުވެރި ކުރުމަށް ހިންގާ ތަމްރީނުތަކެއް ފަށާފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މި ތަމްރީންތަކުގެ ސަބަބުން ޚިދުމަތް އެއް މިންގަނޑެއްގައި ހިފެހެއްޓުމުގެ އިތުރުން ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށެވެ. އަދި މި ތަމްރީނުތައް ކުރިއަށް ގެންދަނީ އެމްޓީސީސީގެ ޓްރާންސްޕޯޓް ސާރވިސް ޑިވިޜަންގެ އިން-ހައުސް ޓްރެއިނަރުން ކަމަށެވެ.

ޓެކްސީލައިންގެ ޚިދުމަތަށް ރެކްރޫޓް ކުރި މުވައްޒަފުންނަށް އަމާޒުކޮށްގެން، އެ ޚިދުމަތުގެ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސްއޯޕީ) ތަކަށް އަހުލުވެރި ކުރުވުމަށް ބާއްވާ ސެޝަންތަކެއް މިއަދުވެސް ވަނީ ބާއްވާފައެވެ.

މި ސެޝަންތަކުގެ މައިގަނޑު މަޤްސަދަކީ ޚިދުމަތް ފެށުމުގެ ކުރިން ޓީމުގެ ހުރިހާ މުވައްޒަފުންނަކީ ފަންނީ ގޮތުން ޤާބިލު އަދި ފުރިހަމައަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުން ކަމަށް އެމްޓީސީސީން މައުލޫމާތު ދެއްވައެވެ.

މި ސެޝަންތަކުގައި ޚިދުމަތް ދިނުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި، ކަސްޓަމަރުންނަށް ޕްރޮފެޝަނަލްކޮށް ޚިދުމަތް ދޭނެ ގޮތްތަކާ ގުޅޭގޮތުން މުވައްޒަފުންނަށް މައުލޫމާތު ދީފައިވެއެވެ.

ޓެކްސީލައިންގެ ޚިދުމަތަށް މިހާރު 150 ކާރު ރާއްޖެ ގެނައުމުގެ މަގުމަތީގައިވާ ކަމަށާއި ރަމަޟާން މަސް ނިމުމުގެ ކުރިން ޓެކްސީލައިންގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދަތުރުފަތުރާއި، މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

ޓެކްސީލައިންގެ ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.

މި ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަރަށް ހަލުވި ކަމާއެކު ކުރިޔަށްދާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.