ޚަބަރު

ޔޫސުފް ޝަފީޢު ފާހަގަކުރީ ކޯޕަރޭޝަންގެ އޯގާތެރިކަމާއި އަވަސް ޚިދުމަތް


  • މުވައްޒަފަކު ނުވަތަ އެހީތެރިޔަކު ނުފެނިގެން ދެންވާންވީގޮތް ނޭނގިގެން އުޅެން ނުޖެހޭ

  • މަންމައާއެކު ޢުމްރާގެ އަޅުކަމަށް އާދެވުމަކީ ބޮޑު ނިޢުމަތެއް

  • ރާއްޖޭގެ އެކި ޢުމްރާ ގްރޫޕްތަކާއެކު ތަޖުރިބާކުރުމަށްފަހު އެންމެ ރަނގަޅު ޚިދުމަތެއްދޭ އެއްބަޔަކީ ކޯޕަރޭޝަންކަމަށް ދެކޭ

ޙައްޖު ޢުމްރާއަށް މައްކާ އަދި މަދީނާއަށް އައުމަކީ ކޮންމެ މުސްލިމެއްގެވެސް ހިތުގެ އެންމެ އަޑިން ބޭނުންވާ ކަމެކެވެ. މިމާތް ބިމަށް އެއްފަހަރު އާދެވިއްޖެނަމަ އިތުރަށް އައުމަށް ޝައުގުވެރިވެއެވެ. އެފަދަ އެކަކީ ޔޫސުފް ޝަފީޢުއެވެ.

މައްކާގެ މާތް ބިމަށް ޔޫސުފް ޝަފީޢު މިފަހަރުވެސް އައީ މަންމައާއި ދައްތައާއެކުގައެވެ. އެއީ އެންމެ އެދޭ ގޮތްކަމަށް އޭނާ ފާހަގަކުރިއެވެ. ޔޫސުފް ޝަފީޢު ދެކޭގޮތުގައި މައްކާގެ މާތް ބިމަށް އައުމުގެ ތައުފީޤު ލިބުމަކީ އިންސާނަކަށް ލިބޭނެ ބޮޑު ނިޢުމަތެވެ. އަބަދުވެސް ދުޢާއަކީ އެމާތް ބިމަށް ގިނަގިނައިން ދިޔުމުގެ ފުރުސަތު ލިބުމަށް އޭނާ ބުންޏެވެ. ތަފާތު އެކި ފަހަރުމަތިން ލޯބިވާ މަންމައާއެކު މައްކާއަށް އައިސް މާތްﷲގެ ގެކޮޅަށް ޒިޔާރަތްކޮށް، އަޅުކަން އަދާކުރުމުގައި މަންމައަށް އެހީތެރިވުމަކީ ލިބޭ އެންމެ ބޮޑު ނިޢުމަތްތަކަމަށް އޭނާ ދެކެއެވެ.

މައްކާގެ މާތްބިމަށް ރާއްޖޭގައި މީހުން ޢުމްރާއަށް ގެންދާ އެކި ގްރޫޕްތަކާއެކު ޔޫސުފް ޝަފީޢުގެ ތަޖުރިބާ އެބަހުއްޓެވެ. އަދި ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރަމަޟާން މަހުގެ ޢުމްރާއަށް އޭނާ މިއައީ 2 ވަނަ ފަހަރަށެވެ. މިހާރު ކުރިއަށްވުރެ ޚިދުމަތްތައް ރަނގަޅުކަން އޭނާ ފާހަގަކުރިއެވެ.

"ޙައްޖު ކޯޕަރޭޝަނުގެ ކުރީ ފަހަރުގެ ރަމަޟާން މަހުގެ ޢުމްރާއަށްވުރެ މިފަހަރުގެ ޚިދުމަތް ވަރަށް ބޮޑަށް ރަނގަޅުކަންކަން އެބަހުރި. ކޮންމެ ފަހަރަކުވެސް ރަނގަޅުކުރަމުންދާކަން ފާހަގަކުރެވޭ. ޙަގީގަތުގައި މިތަނަށްވެސް އަދި މިތަނުގެ ގަވާއިދުތަކަށްވެސް އެބަ ބަދަލު އާދޭ. އެހެންވީމަ އެއަންނަ ބަދަލުތަކާއެކު ޚިދުމަތްދޭއިރު ޢުމްރާވެރިންގެ ފަރާތުންވެސް އެބޭފުޅުންނަށް އެހީތެރިކަން އެއްބާރުލުންދެއްވާނަމަ މިއަޅުކަމުގެ ކަންކަން ވަރަށް ބަރާބަރަށް ދާނެކަން ޤަބޫލުކުރަންވާނެ." ޔޫސުފް ޝަފީޢު ވިދާޅުވިއެވެ.

ޙައްޖު ކޯޕަރޭޝަނާއެކު ކުރެވުނު ތަޖުރިބާގައި އޭނާ އެންމެ ބޮޑަށް ފާހަގަކުރި އެއްކަމަކީ، ކޯޕަރޭޝަންގެ މުވައްޒަފުން ކޮންމެ ގަޑިއެއްގައިވެސް ފެންނަން ތިބޭކަމެވެ. ކޯޕަރޭޝަންގެ މުވައްޒަފަކާއި ބައްދަލުނުވެގެން ޚިދުމަތް ލަސްވެ، ނުވަތަ ނުވެގެން އުޅޭކަމެއް ދިގުލައިގެން ނުދާކަން ފާހަގަކުރިއެވެ. އަދި އެއްވެސް މުވައްޒަފަކު ޢުމްރާވެރިއެއްގެ ކަމެއް ކުޑަކަމެއްގެ ގޮތުގައި ދެކި ދޫކޮށްނުލާކަން ޔޫސުފް ޝަފީޢުވަނީ ފާހަގަކޮށްފައެވެ.

"ވަރަށް ގިނަ ޢުމްރާވެރިންނާއެކު މަސައްކަތްކުރާއިރު ވަރަށް ގިނަ މައްސަލަތައް ހައްލުކުރަން ހުންނާނެ. އެހުރިހާކަމަކާ ހުރެވެސް އެބޭފުޅުންގެ ސްޓާފުންނާއި، އެހީތެރިން ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ޢުމްރާވެރިންނަށް ބޭނުންވާކަންކަން ކޮށްދިނުމަށް. އެންމެ އުފާވަނީ އަބަދުވެސް އެބޭފުޅުން އެބަތިއްބަވާ މިތަނުގައި. ނުފެނިގެން ދެންވާންވީގޮތެއް ނެތިގެން ހުންނާކަށް ނުޖެހޭ."

ޢުމުރުން ދުވަސްވީ މަންމައާއެކު ރަމަޟާން މަހުގެ ފަހު 15ގެ ޢުމްރާ ކުރުމަށް ޔޫސުފް ޝަފީޢު މައްކާގައި ދުވަސްތައް ހޭދަކުރަމުންދާއިރު ރާއްޖެއާއި ދުރުގައި ނަމަވެސް ދިވެހި ރަހަތަށް ކާން ލިބުމަކީ އޭނާއަށް އޮތް ބޮޑު ހިތްހަމަޖެހުމެވެ. އަދި އޭނާގެ އެދުމަކީ އެތައް ސަތޭކަ ޢުމްރާވެރިންނާއެކު ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ރަނގަޅުކުރަން މަސައްކަތްކުރާއިރު އެކަމުގައި ޢުމްރާވެރިންގެ ފަރާތުން ބޭނުންވާ އެއްބާރުލުން އެބޭފުޅުންނަށް ދެއްވުމެވެ.