ޚަބަރު

ޙައްޖު ކޯޕަރޭޝަން: އެންމެ ބޮޑު އިތުބާރަކީ ޔަގީންކަން


  • ޙައްޖު ކޯޕަރޭޝަނަށް ޑިމާންޑު ބޮޑު

  • މިއަހަރު އުމްރާއަށްވެސް އިތުރު ފުރުސަތު ދީފައިވޭ

  • އެހީތެރިކަމަށް އެދޭ ކޮންމެ ދިވެހި ޙައްޖު އަދި ޢުމްރާވެރިއަކަށްވެސް ދޮރުވަނީ ހުޅުވާލެވިފައި

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ރަމަޟާން މަހުގެ ޢުމްރާގެ އަޅުކަން އަދާކުރުމަށް 500 އެއްހާ މީހުން ކަނޑައެޅިނަމަވެސް، އެކި ސަބަބުތަކާއެކު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން މިއަހަރުގެ ރަމަޟާން މަހު 600 އަށްވުރެ ގިނަ މީހުންދަނީ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރަމުންނެވެ.

ޙައްޖު ކޯޕަރޭޝަނުން ޢުމްރާގެ އަޅުކަން އަދާކުރުމަށް ދުރާލާ ޕްލޭންކޮށް ދިމާވެދާނެ ޙާލަތްތަކަށްވެސް ތިބެނީ ތައްޔާރުވެގެންނެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއިން އެފަދަ ކަންކަމަށް ތައްޔާރުވާންޖެހެއެވެ. މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށްވެސް 2 ގްރޫޕެއްގޮތަށް ޢުމްރާގެ އަޅުކަން އަދާކުރުމަށް ޙައްޖު ކޯޕަރޭޝަނުންވަނީ ފައިސާދެއްކުމަށް ހުޅުވާލާފައެވެ. ޑިމާންޑް އޮތުމާއެކު ޖާގަ އިތުރުވެސްވަނީ ކޮށްފައެވެ.

ރަމަޟާން މަހުގެ ފަހު 15 އާއި ދިމާކޮށް ކޯޕަރޭޝަނުން 300 އަށްވުރެ ގިނަ މީހުން ގެނެސް ޚިދުމަތްދެވޭނެ މިންވަރަށް އެހީތެރިންނާއެކުވަނީ ޢުމްރާގެ އޮޕަރޭޝަން ހަމަޖައްސާފައެވެ. އެހެންނަމަވެސް އެހެން ގްރޫޕެއްގެ ހަވާލުގައި ޢުމްރާވުމަށް ފައިސާ ދެއްކި މީހުންނަށް ޢުމްރާގެ ފުރުސަތު ގެއްލެންދަނިކޮށް ސަރުކާރުން އެފަރާތްތަކުގެ ޒިންމާވަނީ ޙައްޖު ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމާއެކު ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ފެށީ، ކޯޕަރޭޝަންގެ އެހީތެރިކަން ބޭނުންވާ ހަމަ ކޮންމެ ދިވެއްސަކަށްވެސް އެހީވާން. އެބޭފުޅުންނަށް ބޭނުންވާ އެހީދީގެން މިހޮޓެލްގައި ބައިތިއްބައިގެން އެބޭފުޅުންނަށް ޢުމްރާގެ އަޅުކަން އަދާކުރެވޭނެ މަގެއް ހޯދައިދީފައިވާނީ." ޑީއެމްޑީ އަލްއުސްތާޛް ޢަލީ ޝަރީފް ވިދާޅުވިއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފަހު 15 އާއި ދިމާކޮށް އަލްއަބްރާރް ގްރޫޕުން ޙައްޖަށް ދިޔުމަށް ފައިސާދެއްކި ބައެއް ފަރާތްތަކުންވަނީ އެފަރާތްތަކުގެ ޝުޢޫރު ޕީއެސްއެމްނިއުސްއާއި ހިއްސާކޮށްފައެވެ.

"އަޅުގަނޑުމެންނަށް ފަހުވަގުތު އެނގުނީ ޓިކަޓަކީވެސް ކެންސަލްވެފައިވާ ޓިކެޓެއްކަން. އަސްލު ޙައްޖު ކޯޕަރޭޝަންގެ ބޭފުޅުންގެ ވަރަށް މަސައްކަތުން އަޅުގަނޑުމެނަށް މިހާހިސާބަށް މިއާދެވުނީ. އެބޭފުޅުންނަށް ޙައްގު ޝުކުރުއަދާކުރަން އިނގޭތޯ." އޭނާ ބުންޏެވެ.

ޙައްޖު ކޯޕަރޭޝަނުން ޚިދުމަތްދެނީ ބިންމަތީގައި ލެއްވި އެންމެ މުހިއްމު އަޅުކަން އަދާކުރުމަށް މާތް ބިމަށް އަންނަ ދިވެހި ރައްޔިތުންނަށެވެ. އެހެންކަމުން މިއީ އެކުންފުނިން ފައިދާ ހޯދުމުގެ ބޭނުމުގައި ކުރާކަމެއް ނޫނެވެ. ބޭނުމަކީ ދިވެހި ރައްޔިތުންނަށް ރާއްޖެއާއި ދުރުން ދިވެހީންނާ ރައްޓެހި ޚިދުމަތެއް ފޯރުކޮށްދިނުމެވެ. ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު އެތައް ގްރޫޕަކުން އެތައް ދިވެހީންގެ ފައިސާއަށްވަނީ ޚިޔާނާތްތެރިވެފައެވެ. ސައްތައިން ސައްތަ ސަރުކާރު ކުންފުންޏެއްކަށްވުމުގެ އިތުރުން ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދަނީ އިތުބާރާއި ޔަގީންކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށެވެ.