ދެމެހެއްޓެނިވި ނަތީޖާތަކެއް ނެރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކޯޗުކަމާ އަންނަ އަހަރު ހަވާލުވާނެކަމަށް ބެލެވޭ ކޯޗުންގެ ތެރޭގައި، އެމެރިކާގެ ޤައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހިމެނޭކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ރެއާލްގެ ކޯޗުކަމުގެ މަގާމުގައި މިވަގުތު ހުރީ އަލްވާރޯ އާބެލޯއާ އެވެ. އޭނާ އެ މަގާމާ ހަވާލުވީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.
ކޯޗުކަމާ އާބެލޯއާ ހަވާލުވިތާ ދެމަހެއްހައި ދުވަސް ފާއިތުވީއިރު، ޓީމުގެ މެނޭޖްމަންޓުން ވެސް އަދި ކުޅުންތެރިންގެ މެދުގައި ވެސް އާބެލޯއާއަށް އޮތް ޔަގީންކަމާއި އިތުބާރު މިހާރު ނެތްކަމަށް ރިޕޯޓުތައް ބުނެއެވެ.
އަދި މިހާރުން ފެށިގެން ވެސް ރެއާލުން އަންނަ ސީޒަނަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މަސައްކަތުގައި ރެއާލް އިން ފާރަވެރިވާ ކޯޗުންގެ ލިސްޓުގައި ޕޮޗެޓީނޯ ހިމެނޭއިރު، މިހާރު ޝޯޓްލިސްޓުކޮށްފައިވާ ލިސްޓުގައި ވެސް އޭނާ ހިމެނޭކަމަށް ވެއެވެ.
މިވަގުތު އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ޕޮޗެޓީނޯ ވަނީ މީގެކުރިން އިނގިރޭސި ޕްރިމިއަރ ލީގުގެ ޓޮޓެންހަމް ހޮޓްސްޕަރ އަށާއި ޗެލްސީގެ އިތުރުން ފްރާންސްގެ ޕީއެސްޖީއަށް ކޯޗުކަން ކޮށްދީފައެވެ.
ރެއާލް އިން އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު ފާއިތުވީ އަހަރެއްހައި ދުވަހުގެ ތެރޭގައި އެ ޓީމަށް ތިން ކޯޗަކު އިރުޝާދުދީފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހާ ހަމައަށް ކާލޯ އެންޗެލޮޓީގެ އިރުޝާދުގެ ދަށުން ރެއާލް ކުޅުނުއިރު، ޖޫން މަހުން ފެށިގެން ޖެނުއަރީ 12 އާ ހަމައަށް ޓީމަށް އިރުޝާދު ދިނީ ޒަބީ އެލޮންސޯއެވެ.
އެލޮންސޯ ވެސް ވަކިކޮށްފައި ވަނީ ނަތީޖާ ނުނެރެވުމުގެ ސަބަބުންނާއި ކުޅުންތެރިންނާއި އޭނާއާ ދެމެދު އޮތް ގުޅުން ކުޑަވުމުގެ ސަބަބުންނެވެ.
ރެއާލް އިން ނެރެމުންދާ ނަތީޖާތަކަށް ބަލާއިރު، ލީގު ތާވަލުގައި ރެއާލް މިވަގުތު އޮތީ ދެވަނައިގައެވެ. އެއީ 27 މެޗުން 63 ޕޮއިންޓު ހޯދައިގެންނެވެ. އެއްވަނައިގައި އޮތް ބާސެލޯނާއާއި ރެއާލް އާ ދެމެދު ހަތަރު ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
ޗެމްޕިއަންސް ލީގަށް ބަލާލާއިރު އުނދަގޫ މޮޅުތަކެއްގެ އެހީގައި ރެއާލް ވަނީ ނޮކްއައުޓް ސްޓޭޖަށް ދަތުރުކޮށްފައެވެ.