ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 54 ފަރާތަކަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
"ދަނޑުވެރި ނަފާ" ލޯނަކީ، އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރާ އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެކުލަވާލި ލޯނެކެވެ. މި ލޯނުގެ ސަބަބުން މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް މެދުވެރިކޮށް ރާއްޖޭގެ އިޤްތިސާދު ހަރުދަނާ ކުރުމަށް ބާރުއެޅޭނެ ކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ވުޒާރާގެ ދަނޑުވެރިންގެ ދަފްތަރުގައި 7000 އަށްވުރެ ގިނަ ދަނޑުވެރިން ރަޖިސްޓްރީ ކޮށްފައިވެއެވެ. ނަމަވެސް ދަނޑުވެރިކަން ކުރިއެރުވުމަށް 2019 އިން ފެށިގެން ދޫކުރާ ދަނޑުވެރި ނަފާ ލޯނު މިހާތަނަށް ދޫކޮށްފައިވަނީ 54 ފަރާތަކަށް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ބަައްދަލުވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، ދަނޑުވެރި ނަފާ ލޯނުގެ ދަށުން ބިމުގައި ކުރާ ދަނޑުވެރިކަމުގެ އިތުރުން ޒަމާނީ ދަނޑުވެރިކަމާއި، އެގްރޮފޮރެސްޓްރީ ނުވަތަ ގަހުގެ ނާސަރީތައް ޤާއިމްކުރުމާއި، ވެލިއު އެޑިޝަންގެ މަސައްކަތް ކުރުމަށް މި ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރެވޭނެ ކަަމަށެވެ. އެގޮތުން ދަނޑުވެރި ނަފާ' ލޯނު ޕްރޮގްރާމް ދަށުން މިހާތަނަށް ޖުމްލަ 54 ފަރާތަކަށް 20,301,517 ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި ޕްރޮގްރާމް ފެށުނީންސުރެއް މިހާތަނަށް ޖުމްލަ 54 ފަރާތަކަށް ވަނީ ލޯނު ދޫކުރެވިފައި. މީގެތެރޭގައި 5 ކުންފުނި، 44 ފިރިހެން އަދި 05 އަންހެން ބޭފުޅުން ހިމެނޭ." ވަޒީރު ވިދާޅުވިއެވެ.
ދަނޑުވެރި ނަފާ ލޯނުގައި 2 ގިންތިއަކުން ލޯނު ދޫކުރެއެވެ. އެއީ، އެއްލައްކަ ރުފިޔާއާއި ހަމައަށް ދޫކުރާ ލޯނަކާއި، އެއްލައްކައިން ފެށިގެން 2 މިލިޔަނާއި ހަމައަށް ދޫކުރާ ލޯނެވެ. މިއިން ކޮންމެ ލޯނަކަށްވެސް އަހަރަކު ނަގާނީ، 6 އިންސައްތައިގެ އިންޓަރެސްޓެވެ. އެހެން ނަމަވެސް އެއްލައްކަ ރުފިޔާއާއި ހަމައަށް ނެގޭ ލޯނު ދެއްކުމަށް އެންމެ ދިގު މުއްދަތަކަށް ކަނޑައަޅާފައިވަނީ 3 އަހަރެވެ. އަދި 2 މިލިޔަނާއި ހަމައަށް ދޫކުރާ ލޯނު ދެއްކުމަށް ދެނީ، ގިނަވެގެން 7 އަހަރެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އދ. އަރިއަދޫގައި ރުއް އާލާ ކުރުމަށް މައި މަރުކަޒެއް ޤާއިމްކުރުމަށް ސަރުކާރުން ވަނީ، އެރަށް އެވުޒާރާގެ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އެގޮތުން މި ޕްރޮޤްރާމްގެ ދަށުން އަރިއަދޫގެ ތިމާވެށީގެ އެސެސްމަންޓް އަދި ލޭންޑްޔޫސް ޕްލޭން ހެދުމުގެ މަސައްކަތްތައް ނިމި މިރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮޮތަށް އިންވެސްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައިދީ، އުފައްދާ ބާވަތްތަކުން ދަނޑުވެރިޔާއަށް ޙައްޤު އަގު ލިއްބައިދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ ދާއިރާއިން 2 އަހަރުގެ ތެރޭގައި ޖުމްލަ 31 ރަށެއްގައި ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ވަނީ ހިންގާފައިއެވެ. މި ޕްރޮގްރާމްތަކުގައި ޖުމްލަ 845 ފަރާތަކުން ބައިވެރިވެފައިވާ ކަމަށާއި، އޭގެ ތެރޭގައި 474 އަންހެނުންނާއި 371 ފިރިހެނުން ހިމެނޭ ކަމަށްވެސް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.