ޚަބަރު

ޝައްވާލުމަހުގެ ހަނދު ސާބިތުކުރުން މި މަހުގެ 18ގައި


  • ހެކިބަސް އަދާކުރެވޭނީ މާލޭގައިނަމަ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައި

  • އަތޮޅުތެރޭގައިނަމަ ރަށު ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައި

މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން މި މަހުގެ 18ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނިންމައިފިއެވެ.

ހަނދު ބެލުމުގެ ކަންކަން އެހެން އަހަރުތަކުގައިވެސް ޢަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ހަނދު ބެލުމަށް ދިޔުމާއި، ހަނދު ފެނުނު ކަމަށް ހެކިބަސް ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހެކިބަސް ދިނުމުގެ އިންތިޒާމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިން ވަނީ ހަމަޖައްސާފައެވެ.

ޑީޖޭއޭއިން ވިދާޅުވީ، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ، މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައި ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައި ކަމަށާއި މެޖިސްޓްރޭޓެއް ޤާއިމުވެ ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ކަމަށްވެސް ޑީޖޭއޭއިން ވިދާޅުވިއެވެ.

ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ރަމަޟާން މަހުގެ 29ވަނަ ދުވަސް ކަމަށްވާ 18 މާރިޗުގެ ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށްވެސް ޑީޖޭއޭއިން ވިދާޅުވިއެވެ.

އެހެންވެ، މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީ އެންމެ އަވަހަކަށް މާލޭގައިނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް، ރަށްރަށުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވެ ހަނދާބެހޭ މަޢުލޫމާތު ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި ހަނދު ފެނިގެން އެ މަޢުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދު ހުރި އުސްމިނާއި، މިސްރާބާއި އަދި މި ނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މެޖިސްޓްރޭޓެއް ނެތް ރަށްރަށުގައި އެވަގުތަކު ކޯޓާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓެއް ހުރި ރަށަކަށް ދާންޖެހޭނަމަ ނުވަތަ ހެކިބަސް އަދާކުރުމަށްޓަކައި ދަތުރެއް ކުރަންޖެހޭނަމަ އެ މީހެއްގެ އައުމާއި، ދިއުމުގެ ޚަރަދު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވިއެވެ.

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ޚާއްސަ ޖަލްސާއެއްވެސް ބާއްވާނެއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު ޢީދު ދުވަސް ވާނީ، މި މަހުގެ 20ވަނަ ދުވަހަށެވެ.