ރަމަޟާން މަހުގެ ފަހު 15 ގައި ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާއަށް ދިޔަ ޢުމްރާވެރިން 3 ވަނަ ޢުމްރާ ފުރިހަމަކޮށްފިއެވެ.
ފަހު 15 އާއި ދިމާކޮށް އައި ޢުމްރާވެރިން ވަނީ ރޭ މަދީނާއިން މައްކާއަށް އައިސްފައެވެ. އަދި އެއަށްފަހު އިއްޔެގެ އެކި ގަޑިތަކުގައި ޢުމްރާވެރިން ވަނީ މިދަތުރުގެ 3 ވަނަ ޢުމްރާ ފުރިހަމަކޮށްފައެވެ. ޙައްޖު ކޯޕަރޭޝަނުގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ޢުމްރާކުރަން އެދުނު ފަރާތްތަކުން ޢުމްރާގެ އަޅުކަމަށް ގޮސްފައިވަނީ، ހެނދުނު 7 ޖެހިއިރުއެވެ. އަމިއްލައަށް ޢުމްރާގެ އަޅުކަމަށް ދާން އެދުނު ފަރާތްތަކުންވެސްވަނީ ޢުމްރާގެ އަޅުކަމުގެ ކަންކަން ނިންމާލާފައެވެ.
ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާއަށް އައި ފަރާތްތަކުން ފުރަތަމަ ޢުމްރާ ކުރީ، މާލެއިން މައްކާއަށް އައިސްފައެވެ. ދެވަނަ ޢުމްރާ ކުރީ، މައްކާގެ ޒިޔާރަތްތަކަށް ދިޔަ ދަތުރުގައެވެ. މަދީނާއަށް ދިޔަ ދަތުރަށްފަހު މިހާރުވަނީ 3 ވަނަ ޢުމްރާކޮށްފައެވެ. މިޢުމްރާވެރިން 6 ރޯދައިގެ ތެރޭގައި ޠާއިފަށް ދާން އެދޭ ފަރާތްތަކަށް އިތުރު ޢުމްރާއެއް ކުރުމުގެ ފުރުޞަތު އޮންނާނެއެވެ.
ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ފަހު 15 އަށް 300 އަށްވުރެ ގިނަ މީހުންވަނީ ޢުމްރާއަށް އައިސްފައެވެ.