ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗްތައް މި މަހުގެ 11 އަދި 18 ވާ ހޯމަ ދުވަހު ހުޅުވުމަށް އެ ބޭންކުން ނިންމައިފިއެވެ.
ބީއެމްއެލްއިން ވިދާޅުވީ، މި ދެ ދުވަހު އެ ބޭންކުގެ ބްރާންޗްތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ. މި ވަގުތުތަކުގައި ބްރާންޗްތަކުން ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.
ބްރާންޗްތައް ވަކި ދުވަސްތަކެއްގައި ހުޅުވުމަށް ހަމަޖެހިފައިވީ ނަމަވެސް، ފަހު ދިހައެއްގެ ހުރިހާ ދުވަހެއްގައިވެސް ބޭންކުގެ އޮންލައިން ޚިދުމަތްތައް މެދުކެނޑުމެއްނެތި ލިބޭނެއެވެ. މީގެ ތެރޭގައި އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ދެވޭ ޚިދުމަތްތައް ހިމެނެއެވެ.
މީގެ އިތުރުން، ފިތުރު އީދަށްފަހު ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު އެ ބޭންކުގެ ބްރާންޗްތައް ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:30 އަށް ހުޅުވާނެ ކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ވަނީ ބްރާންޗްތައް ބަންދު ނަމަވެސް އޮންލައިންކޮށް ހުރިހާ ޚިދުމަތެއް ލިބޭނެކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެނެސްފައެވެ.