ޚަބަރު

ދުވަހަކު ވެސް އެނބުރި ބާސާއަށް ނުދާނަން: ޒަވީ


  • ޒަވީ ވަނީ ކުޅުންތެރިއެއްގެ ގޮތުގައިވެސް އަދި ކޯޗެއްގެ ގޮތުގައިވެސް ބާސާއަށް ކާމިޔާބީ ހޯދައިދީފަ

  • ޒަވީ ބުނީ ބާސާއާއެކު ހުރިހާ ކާމިޔާބީއެއް ހޯދިއްޖެކަމަށް

ހަޔާތުގައި ދެން ދުވަހަކު ވެސް އެނބުރި ބާސެލޯނާއަށް ނުދާނެކަމަށް އެ ކުލަބުގެ ލެޖެންޑް، ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ސްޕެއިންގެ ލަ ވެންގާޑިއާ ނޫހަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ޒަވީ ބުނީ، ބާސާއާއެކު ކުރަން ބޭނުންވި އަދި ކުރަންޖެހުނު ހުރިހާ ކަމެއް މިހާރު އެންމެ ފުރިހަމައަށް ކޮށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ދެން ދުވަހަކު ވެސް އެނބުރި ބާސާއަށް، އެއްވެސް ހައިސިއްޔަތަކުން ނުދާނެކަމަށް ޒަވީ ބުނެފައިވެއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ޒަވީ އަކީ ކުޅުންތެރިއެއްގެ ގޮތުގައި ވެސް އަދި ފަހުން ކޯޗެއްގެ ގޮތުގައި ވެސް ބާސެލޯނާގެ ސަޕޯޓަރުންގެ ލޯބި ހޯދާފައިވާ ކުލަބުގެ ލެޖެންޑެކެވެ.

ޔޫތު ކެރިއަރާއި ސީނިއަރ ކެރިއަރުގެ އެންމެ ފަހު ދުވަސްކޮޅާ ޖެހެންދެން ބާސެލޯނާއަށް ކުޅުނު ޒަވީ ބާސާއާއެކު ސީނިއަރ ކެރިއަރު ފެށީ 1997 ވަނަ އަހަރުއެވެ.

އެފަހުން 2015 ވަނަ އަހަރާ ހަމައަށް އޭނާ ހުރީ ބާސާގައެވެ.

މިޑްފީލްޑަރެއްގެ ގޮތުގައި ވިދާލި ޒަވީ ވަނީ ބާސާއަށް ކުޅެދިން 767 މެޗުން އެ ޓީމަށް 85 ލަނޑު ކާމިޔާބުކޮށްދީ 185 އެސިސްޓު ކޮށްދީފައެވެ.

ބާސާއާއެކު ޒަވީ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އަށް ފަހަރަށް ސްޕެނިޝް ލަލީގާ ކާމިޔާބުކޮށް، ތިން ކޮޕާ ޑެލްރޭ އާއި ހަ ސްޕެނިޝް ސުޕާ ކަޕްގެ އިތުރުން ހަތަރު ޗެމްޕިއަންސް ލީގާއި ދެ ޔުއެފާ ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ބާސާއާއެކު ދެފަހަރަށް ފީފާ ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައިވެއެވެ.

ކޯޗެއްގެ ގޮތުގައި ޒަވީ ވަނީ ބާސާއާއެކު ލަލީގާ އެއްފަހަރު އަދި ސްޕެނިޝް ސުޕާ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.