13 ވަނަ ދުންތަރި މަނިކު މެމޯރިއަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ޓީމު ކަޕަލި ހޯދައިފިއެވެ. ރަނަރަޕްކަން ހޯދީ ޓީމު އަހްޔަރ އަދި މުބާރާތުގެ ތިން ވަނަ ހޯދި ޓީމު ޝައްފާނެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ޓީމު ކަޕަލި ހޯދީ ޓީމް އަހްޔަރއާއި ބައްދަލުކޮށް 5-2 ސެޓުންނެވެ. ޓީމް ޝައްފާން މުބާރާތުގެ ތިން ވަނަ ހޯދީ ޓީމް އަލީއާއި ވާދަކޮށް 5-0 ސެޓުންނެވެ.
މާޗް 3-8 ގެ ނިޔަލަށް ހެންވޭރު މުނިއުފާގައި ހުންނަ މާލޭ ޓީޓީ ހޯލްގައި ކުރިޔަށް ގެންދިޔަ މި މުބާރާތާއި ގުޅޭ ގޮތުން މުބާރާތް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެސޯސިއޭޝަނުގެ އޮފިޝަލް، އާއިޝަތު އަލީފާ ބުނީ މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި، 13 ޓީމު ވާދަކުރާއިރު ޖުމްލަ 73 ކުޅުންތެރިން ބައިވެރިވި ކަމަށެވެ.
އަލީފާ ބުނީ މިއީ ވަރަށް ގިނަ ކުޅުންތެރިން އިންތިޒާރުކުރާ މުބާރާތެއް ކަމަށެވެ. "ވަރަށް ކުދިން ކުޅެން ބޭނުންވާ ޓޯނަމަންޓެއް މީ. އެހެންވީމަ ކުދިން ވަރަށް އުފާވޭ އަސްލު. އެހެންވީމަ އަޅުގަނޑުމެންނަށްވެސް މި މުބާރާތް ކޮންމެ އަހަރަކު މި ބޭއްވެނީ" އަލީފާ ބުންޏެވެ.
އަދި މިއަހަރުގެ މުބާރާތުގައިވެސް ބިގިނާސް ފެންވަރުން ފެށިގެން ޤައުމީ ފެންވަރުގެ ކުޅުންތެރިންނާއި ރިޓަޔަރކޮށްފައިވާ ކުޅުންތެރިންވެސް ވާދަކުރިކަމަށާއި ކޮންމެ އަހަރަކު މިމުބާރާތް ބޭއްވެނީ ކުޅުންތެރިންނާއި އެސޯސިއޭޝަނުގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކުގައި ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ޓީޓީ އެސޯސިއޭޝަނާއި ދުންތަރި އާއިލާއިން ގުޅިގެން ކޮންމެ ރަމަޟާން މަހެއްގައި ބާއްވާ، ދުންތަރި މުބާރާތަކީ އިޖްތިމާއީ ކަމެއް ގޮތަށް ރާވާ ހިންގާ މުބާރާތެކެވެ. މި މުބާރާތުގެ މަޤްސަދަކީ ޓީޓީ އާއިލާގެ މެދުގައި ގުޅުން ބަދަހި ކުރުމެވެ. މިއީ ކުރީގެ ޓޭބަލް ޓެނިސް ޗެމްޕިއަން މަރުހޫމް ދުންތަރި އިބްރާހިމް މަނިކުގެ ހަދާނުގައި ބާއްވާ މުބާރާތެކެވެ.