އޭވީސީ ބީޗް ވޮލީބޯލް ކޮންޓިނެންޓަލް ޗެމްޕިއަންޝިޕް 2026 ބޭއްވުމުގެ ހުއްދަ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ޗައިނާ ވޮލީބޯލް އެސޯސިއޭޝަނަށް ރަސްމީކޮށް ދީފިއެވެ.
ތައިލޭންޑްގައި ހުންނަ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އޮފީހުގައި މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމެއްގައި އޭވީސީއާއި ވޮލީބޯލް ވޯލްޑް ގުޅިގެން ބާއްވާ މި މުބާރާތުގެ ހޯސްޓިން ރައިޓްސް ރަސްމީކޮށް ޗައިނާއާއި ހަވާލުކުރިކަން އިއުލާނު ކުރެއްވީ އޭވީސީގެ ރައީސް ރާމޮން ސުޒަރާއެވެ.
އޭވީސީ ބީޗް ވޮލީބޯލް ކޮންޓިނެންޓަލް ޗެމްޕިއަންޝިޕް އޮންނާނީ 2-6 ސެޕްޓެމްބަރުގެ ނިޔަލަށް ޗައިނާގެ ޝަންގުލުއޯގައެވެ.
މި މުބާރާތަކީ 2028 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖެލިސްގައި ބާއްވާ އޮލިމްޕިކް ގޭމްސްއަށް ކޮލިފައިވުމަށް އޭޝިއާގެ ބީޗް ވޮލީގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނަށް ހުޅުވާލެވޭ މުހިންމު ފުރުސަތަކެވެ.
އޭވިސީ އާއި ވޮލީބޯލް ވޯލްޑުން ޗައިނާއަށް މިފުރުސަތު ދިނީ މިދިޔަ އަހަރު ޝަންގްލުއޯގައި ކާމިޔާބުކަމާއެކު ބޭއްވި ބީޗްވޮލީ މުބާރާތްތަކަށް ބެލުމަށްފަހުގައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ސީޒަނުގައި ޝަންގްލުއޯގައި ވަނީ ރިކޯޑް އަދަކަށް ކުޅުންތެރިން ބައިވެރިކޮށްގެން ގިނައަދަދެއްގެ ސަރަހައްދީ ބީޗް ވޮލީ މުބާރާތްތައް ބާއްވާފައެވެ.
އެގޮތުން ޖުމްލަ 48 ގައުމެއްގެ ގައުމީ އެސޯސިއޭޝަންތަކުގެ ބައިވެރިވުމާއެކު އޭވީސީ އާއި އެފްއައިވީބީގެ އިވެންޓުތައް ޗައިނާގެ ޝަންގްލުއޯގައި ބޭއްވިއެވެ.
އޭވީސީ އާއި ވޮލީބޯލް ވޯލްޑް އިން، އޭވީސީ ބީޗް ވޮލީބޯލް ކޮންޓިނެންޓަލް ޗެމްޕިއަންޝިޕް 2026 ހޯސްޓް ކުރުމުގެ ފުރުސަތު ޗައިނާއަށް ދިނުމަށް ނިންމީ ޝަންގްލުއޯގައި މިދިޔަ އަހަރު ބޭއްވި މުބާރާތްތަކުގެ ސަބަބުންގެ އޭޝިއާ ސަރަހައްދުގެ ބީޗް ވޮލީ އިތުރަށް ފުޅާވެ މި ކުޅިވަރަށް އޮންނަ ޝައުގުވެރިކަން ހަލުވަިކަމާއެކު އިތުރުވަމުންދިއުމާއި ލިބެމުން އަންނަ ކުރިއެރުންތަކަށް ރިއާޔަތް ކުރުމަށްފަހުގައެވެ.
އޭވީސީ ބީޗް ވޮލީބޯލް ކޮންޓިނެންޓަލް ޗެމްޕިއަންޝިޕް 2026 މުބާރާތަކީ ބައިނަލްއަގްވާމީ ފެންވަރުގެ ވާދަވެރިކަން ގެނެސްދޭފަދަ މުބާރާތެއް ޗައިނާއިން ހޯސްޓް ކުރާނެ ކަމުގެ އިތުބާރު އެގައުމާއި މެދު އެބައޮތް ކަމަށެވެ. އަދި މި މުބާރާތުގެ ސަބަބުން އޭޝިއާ ބައްރުގައި ބީޗް ވޮލީބޯޅަ އިތުރަށް ތަރައްޤީކޮށް ހަރުދަނާވެގެންދިއުމަށް މަގުފަހިކޮށްދޭނެ ކަމުގެ ޔަގީންކަށް އޭވީސީއަށް އެބައޮތް ކަމަށެވެ.
މިއީ އޭޝިއާ ސަރަހައްދުގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނަށް މިއަހަރު އޭޝިއާގެ ބީޗް ވޮލީ ބޯޅަ ކަލަންޑަރުގައި ހިމަނާފައިވާ، 2028 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްއަށް ކޮލިފައިވުމަށް ކުޅުންތެރިންނަށް ލިބޭނެ އެންމެ މުހިންމު މުބާރާތެވެ.