ޚަބަރު

ވިކްޓްރީގެ ކުރީގެ މަގާމު ހޯދުން ހަޤީގަތަކަށް ހަދައިދޭނަން: ޝިޔާޒް


  • މޯހަން ވަނީ މީގެ ކުރިން ޤައުމީ ޓީމުގެ ކޯޗުކަން ކޮށްދީފައި

  • ވިކްޓްރީގެ ކޯޗުކަމަށް މޯހަން ހަމަޖެއްސީ އަންނަ ސީޒަނުގެ ނިޔަލަށް

  • ކުރިން ވިކްޓްރީގެ ކޯޗަކީ ސްލޮވާކިއާގެ ޖޯޖްލީ ގެރީ

ވިކްޓްރީ ސްޕޯޓްސް ކުލަބު، އެކުލަބުގެ ގޮތުގެ ހަޤީޤީ މަގާމަށް އަނބުރާ ގެންދިއުމަށް މެނޭޖުމެންޓުން ކުރާ މަސައްކަތަށް އެއްބާރުލުން އެކަން ހަޤީޤަގަތަކަށް ހަދައިދޭން ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް އެ ކުލަބުގެ ހެޑް ކޯޗުގެ މަޤާމާއި ހަވާލުވި ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ވިކްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި ކުލަބާއެކު އަންނަ ސީޒަނުގެ ނިޔަލަށް އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު މޯހަން ބުނީ، އޭނާގެ ގާބިލުކަން ހުރި މިންވަރަކުން އެ ކުލަބުގެ ހަޤީޤީ މަގާމު ހޯދައިދޭން ކުރެވެން ހުރިހާ މަސައްކެއް ކުރާނެ ކަމަށެވެ.

ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ ކޯޗު މޯހަން ބުނީ ވިކްޓްރީގެ މަގާމަކީ ތަށި ކަމަށާއި، އޭނާ ކުލަބާ ހަވާލުވުމަށްފަހު ކުރިޔަށް އޮތް އެފްއޭ ކަޕުން ފެށިން އަންނަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި ވިކްޓްރީއަށް ކާމިޔާބު ހޯދައިދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"އެއީ ވިކްޓްރީގެ މަގާމަކީ ތަށި ކަމަށް ވާތީ އެންމެ ބޮޑު މަސައްކަތަކަށް އޮންނާނީ ތަށި ހޯދަން ކުރަން ޖެހޭ މަސައްކަތް ކުރުން. ﷲ އިރާދުކުރެއްވިއްޔާ ވިކްޓްރީއަށް އެކަން ކޮށްދިނުމުގެ މާތް ނިޔަތުގައި އަޅުގަނޑު ވިކްޓްރީ ސްޕޯޓްސް ކުލަބާއި މިހަވާލުވަނީ" މޯހަން ބުންޏެވެ.

އެކުލަބުން ބުނީ ހެޑް ކޯޗުކަމަށް މޯހަން ހަމަޖެއްސީ ކުރިޔަށް އޮތް އެފްއޭ ކަޕާއި އަންނަ ސީޒަނަށް ކަމަށެވެ. އަދި ކުރިން އެ ކުލަބުގެ ކޯޗުގެ މަޤާމު އަދާކުރި ޖޯޖްލީ ގެރީއާއި އެކު ހަދާފައިވާ އެއްބަސްވުން ލީގު ނިމުމާއެކު ހަމަވާނެ ކަމަށާއި، އެހެންކަމުން ދެން ކުލަބަށް އިރުޝާދުދޭނީ މޯހަން ކަމަށެވެ. މޯހަންގެ އިރުޝާދުގެ ދަށުން ވިކްޓްރީން އެންމެ ފުރަތަމަ ނިކުންނަ މުބާރާތް، އެފްއޭކަޕް ފަށާނީ އޭޕްރީމަހުގެ ކުރީކޮޅެވެ.

ވިކްޓްރީއަށް މި ސީޒަނުގެ ކުރީކޮޅު ދިމާވި އެންމެ ބޮޑު މައްސަލައަކީ ފަރިތަކުރުންތަކަށް ކުޅުންތެރިން ހަމަ ނުވުމުގެ މައްސަލައެވެ. އެކި އެކި ފުޓްސަލް މުބާރާތްތަކަށް ކުޅުންތެރިން ދިއުމުގެ ސަބަބުން ކުލަބުގެ ރަސްމީ ފަރިތަކުރުންތަކަށް ނާދެވި ދިވެހި ޕްރިމިއާ ލީގުގައި އެ ކުލަބަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވުނު ކަމަށް ކުރީގެ ކޯޗު ޖޯޖްލީ ވަނީ ބުނެފައެވެ.

އަދި އެސިސްޓް ކޯޗު އާދަމް ޢަބްދުއްލަޠީފް (ލައްޗޭ) ވެސް ލީގުތެރެއިން ޕީއެސްއެމަށް ދިން އެކިއެކި އިންޓަވިއުތަކުގައި އެ ކަންބޮޑުވުން ފާޅުކުރިއެވެ. އެ ކުލަބުން ޕްރިމިއާ ލީގު ނިންމާލީ ތާވަލުގެ 6 ވަނައިގައެވެ.

މޯހަން ވަރަށް އިތުބާރާއި އެކު ކުލަބާއި ހަވާލުވިއިރު، އޭނާއަކީ ހަވާލުވާ ޓީމުތަކަށް ނަތީޖާ ނެރެދީފައިވާ ކާމިޔާބު ކޯޗެކެވެ. އޭނާ ވަނީ ގައުމީ ޓީމަށް ބައިނަލްއަގްވާމީ މުބާރާތަކުން ތައްޓެއް ނުހޯދި ދިގުލައިގެން ދިޔަ ދިއުން ހުއްޓުމަކަށް ގެނެސްދީ، މިދިޔަ އަހަރު ސްރީލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަރކަޕްގެ ޗެމްޕިއަންޓް ޓްރޮފީވެސް ރާއްޖެއަށް ގެނެސްދީފައެވެ.

މޯހަންއަކީ ރާއްޖެ އެންމެ ފުރަތަމަ ފުޓްބޯޅައިން ތައްޓެއް ހޯދިއިރު އޭރުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެވެ. އެއީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައެވެ.

އޭގެ ފަހުން މޯހަން ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ތަފާތު މަގާމުތައް އަދާކޮށްފަ އެވެ. އަދި އޭނާގެ އާއިލީ ކުލަބު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކޯޗުކޮށްދީ، އެ ކުލަބަށް ދިވެހި ޕްރިމިއަރ ލީގާއި ގައުމީ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދީފައިވެއެވެ.

ގައުމީ ޓީމުގެ ކޯޗުކަމާއި ހަވާލުވުމުގެ ކުރިން، ކުރިޔަށް މިދާ 2025/206 ސީޒަނުގެ ޕްރީސީޒަންގައި މޯހަން ހުރީ ކުލަބު އީގަލްސްއާއި ހަވާލުވެގެންނެވެ. މީގެ ކުރިންވެސް އީގަލްސްއަށް ކޯޗުކޮށްދީ އެ ކުލަބަށް ޗެރިޓީ ޝީލްޑެއްވެސް މޯހަންވަނީ ހޯދައިދީފައެވެ.

ދެވަނަ ފަހަރަށް އީގަލްސްގެ ކޯޗުކަމާއި މޯހަން ހަވާލުވީ، ގާތް ރަހުމަތްތެރިޔާ އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު، މަރުހޫމް، އިހުސާން އަބްދުލްޣަނީ (ސާންތީ) ބަލިހާލަތު ގޯސްވުމުން އޭނާގެ އެދުމަކަށެވެ.