ރާއްޖޭގެ ފުޓްބޯޅައިގެ ދިގު ތާރީހުގައި ފުޓްބޯޅަ އިދާރާއިން ކުރިޔަށް ގެންދާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތަކީ ޤައުމީ މުބާރާތް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ޕްރެސިޑެންޓްސް ކަޕެވެ.
ސީނިއާ ޤައުމީ ޓީމާއި ޖޫނިއާރ ގައުމީ ޓީމުގެ ކުޅުންތެރިން ފެނިގެން ދިޔަ މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ގިނަ ބަޔަކު ހައިރާންކޮށްލީ އެ މުބާރާތުގައި އޮޑި ސްޕޯޓްސް ކުލަބަށް ކުޅުނު އެންމެ 18 އަހަރުގެ އަހުޒަމް ރަޝީދެވެ. އޭނާ އަކީ ހއ. ދިއްދޫއަށް ނިސްބަތްވާ ހުނަރުވެރި ކުޅުންތެރިއެކެވެ.
އޭނާ އެންމެ ފުރަތަމަ އޮޑިއާއި ގުޅުނީ 2024 ވަނަ އަހަރު އެފްއޭއެމްއިން ބޭއްވި 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައެވެ. އެ މުބާރާތް ކާމިޔާބުކުރީ އޮޑި ސްޕޯޓްސް ކުލަބުންނެވެ. އަންޑަރ 19 ޗެމްޕިއަންޝިޕްގެ ޓްރޮފީ އެކުލަބުން އުފުލާލީ އަހުޒަމްގެ މުހިންމު ދައުރެއް ހިމެނިގެންނެވެ.
އޮޑިން އޭނާ ލައްވާ ކުޅުވީ މިޑްފީލްޑަރަކަށް އަދި ސްޓްރައިކަރެއްގެ މަގާމަށެވެ. މި ސީޒަން އެކީ ކަހަލަ ގޮތަކަށް ކުޅުނީ ސްޓްރައިކަރެއްގެ މަގާމަށެވެ. މަދުންނަމަވެސް މެދުތެރެއަށްވެސް އޭނާ ކުޅުނުނެވެ.
އެހެންނަމަވެސް އަހުޒަމް އަކީ އަސްލު "ނަންމަރ 10، އެޓޭކިން މިޑްފީލްޑަރ" އެކެވެ.
އޮޑީގެ ސީނިއާ ޓީމާއި އަހުޒަމު ގުޅުނީ ޖުލައި 2025 ގައި ޕްރީސީޒަނުގެ ތެރެއިންނެވެ. ދިވެހި ޕްރިމިއާ ލީގުގައި، މިވަގުތު ރާއްޖޭގައި ތިބި އެންމެ ތަޖުރިބާކާރު ކުޅުންތެރިންނާއެކު ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު އޭނާއަށް އޮޑިން ހޯދައިދިނެވެ. އޮޑިން ވަނީ ސީނިއާ ޓީމަށް އޭނާ ޖުލައި 2025 ން ފެށިގެން 3 އަހަރު ދުވަހުގެ މުއްދަތަށް އޭނާ ލައްވާ ސޮއިކުރުވާފައެވެ.
އޭނާގެ ފެންވަރު މަތިކޮށްދިނުމަށް އޮޑި ސްޕޯޓްސް ކުލަބުގެ ހުރިހާ ކުޅުންތެރިންގެ އެހީތެރިކަން ލިބުނެވެ. ވަކިން ހާއްސަކޮށް އެސިސްޓެންޓް ކޯޗުންނާއި، ހެޑް ކޯޗު އަންދްރޭސް ގާސިއާގެ ސަމާލުކަން އޭނާއަށް ވަރަށް ބޮޑަށް ލިބުނެވެ. ދަނޑުމަތީގައި ޖެހިލުންކުޑަ ހަލުވި ކުޅުމެއް ދެއްކުމުގެ އެންމެ ބޮޑު އެހީތެރިންނަކީ އެއީއެވެ.
ޕްރެސިޑެންޓްސް ކަޕް 2026ގެ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަހުޒަމު ހޯދީ މުޅި ކުލަބުން ދިން އެއްބާރުލުމާއެކުގައި ކަމަށް އޭނާ ބުންޏެވެ. އެ އިނާމާއި ހަވާލުވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އަހުޒަމު ބުނީ މި ކާމިޔާބީގައި އެންމެ ފުރަތަމަވެސް ހަމްދުކުރަނީ ﷲ އަށް ކަމަށެވެ.
އަދި މިއީ ޓީމުގެ ހުރިހާ މެންބަރުން އޭނާއަށް ދިން އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން ހޯދުނު ކާމިޔާބީއެއް ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ވާދަކޮށް ގައުމީ މުބާރާތުގެ ތަށި އުލުލާފުލުމުގެ ފުރުސަތު އޮޑިއަށް ލިބުނީ އެންމެން އެކައްޗެއް ކިޔައިގެން ކުރި ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.
"އެންމެ ފުރަތަނަވެސް އަލްހަމްދުﷲ ދެން މީ ވަރަށް ބުރަ މަސައްކަތް. ހުރިހާ ކުޅުންތެރިން އެކައްޗެއް ކިޔައިގެން ހުރިހާ ކުޅުންތެރިން ހަމަ އެކީގައި މަސައްކަތްކޮށްގެން" އަހުޒަމު ބުންޏެވެ.
އަހުޒަމަކީ ރާއްޖޭ ގައުމީ ޓީމަށް ކުޅުނު ހައިސަމް ރަޝީދުގެ ކޮއްކޮއެވެ. އޭނާއަކީ 17 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކުޅުނު ކުޅުންތެރިއެކެވެ. އަދި ފުޓްބޯޅައިގައި މުސްތަގުބަލު އޮތް ކުރިއެރުވިދާނެ ފަދަ ހުނަރުވެރި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.
އަހުޒަމްއަށް ދެން ކުރިއަށް އޮތީ 20 އަހަރުން ދަށުގެ ސާފް ފުޓްބޯޅަ މުބާރާތެވެ. މިއަންނަ މަހު ރާއްޖޭގައި ފަށާ މިމުބާރާތުގައި ދިވެހި ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ އަހުޒަމްއެވެ.