އިންޑިޔާއަށް ދޭ ހަމަލާއެއްގައި އެ ޤައުމުގެ އަސްކަރިއްޔާގެ ވައިގެ ބާރު ނުވަތަ "އިންޑިއަން އެއަރފޯސް" ތައްޔާރަށް އޮތް މިންވަރު މުޅި ދުނިޔެއަށް ދައްކާލައިފިއެވެ.
"ވަޔޫ ޝަކްތީ" ނުވަތަ ވައިގެ ބާރުގެ ނަމުގައި އިންޑިޔާގެ ރަޖަސްތާނުގައި ގާއިމުކޮށްފައިވާ ބޭސްއެއް ކަމަށްވާ "ޕޮކްރަން ފީލްޑް ފަޔަރިން ރޭންޖު"ގައި ބޭއްވި ޚާއްސަ އެކްސަސައިޒް އިފްތިތާހުކޮށްދެއްވީ އެ ޤައުމުގެ ރައީސް ދްރޯޕަތީ މުރުމޫއެެވެ. މި ރަސްމިއްޔާތުގައި ރާއްޖޭ ހިމެނޭހެން އިންޑިޔާއާއެކު އަސްކަރީ ދާއިރާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ޤައުމުތަކުގެ ސިފައިންނާއި ނޫސްވެރިން ވަނީ ބައިވެފައެވެ.
މި ހަރަކާތަކީ އިންޑިޔާއަށް ދޭ ހަމަލާއެއްގައި އެ ޤައުމުގެ އަސްކަރިއްޔާގެ އެއް ބާރު ކަމުގައިވާ ވައިގެ ބާރުން ދުޝްމަނުންގެ ހަމަލާތައް ހުއްޓުވައި ރައްދު ހަމަލާތައް ދޭނެ ގޮތް ދައްކުވައިދިނުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެންމެފަހުން ޕާކިސްތާނުގެ ނިރުބަވެރި ޖަމާއަތަކުން ދިން ހަމަލާގެ ރައްދުގައި އިންޑިޔާގެ އަސްކަރިއްޔާއިން ކުރިއަށްގެންދިޔަ "އޮޕަރޭޝަން ސިންދޫރު"ގައި ވައިގެ ބާރު ހަރަކާތްތެރިވި ގޮތްވެސް މި ހަރަކާތުގެ ތެރެއިން ދުނިޔެއަށް ވަނީ ދައްކާލާފައެވެ.
ވަޔޫ ޝަކްތީ އެކްސަސައިޒްގައި އިންޑިޔާ އަސްކަރިއްޔާގެ ވައިގެ ބާރުގެ 130 އުޅަނދެއް ހަރަކާތްތެރިވާނެ ގޮތް ވަނީ ދައްކާލާފައެވެ. މީގެ ތެރޭގައި އިންޑިޔާގައި އުފައްދާފައިވާ އެ ޤައުމުގެ އަމިއްލަ އެއަރކްރާފްޓްތަކާއި ހަނގުރާމަތަކުގައި ބޭނުންކުރާ ވަސީލަތްތައް ވަނީ ދައްކާލާފައެވެ.
މި ހަރަކާތުގައި ބައިވެރިވި އަސްކަރީ އުޅަނދުތަކުގެ ތެރޭގައި "ސޫ-30 އެމްކޭއައި" އާއި "މިރާޖް 2000" އާއި "މިގް-29" އާއި "ޖެގުއާ" އާއި "މި-17" އާއި އިންޑިޔާގައި އުފައްދައި އޮޕްރޭޝަނަށް ނެރެފައިވާ ހެލިކޮޕްޓަރުތައް ކަމަށްވާ "ދްރޫވް" އާއި "ޕްރަޗަންދް" ހިމެނެއެވެ.
އިއްޔެ ހަވީރު ބޭއްވި މި އެކްސަސައިޒްގައި ދުވާލުގެ ވަގުތުގައި ހަމަލާތައް ދޭނެގޮތާއި ދުޝަމަނުންގެ ހަމަލާތައް ހުއްޓުވާނެ ގޮތުގެ އިތުރުން ރޭގަނޑުވަގުތުގައި ވައިގެ ބާރުން ބިމާއި ކަނޑުމަގުން ހަރަކާތްތެރިވާ ސިފައިންނަށް އެހީތެރިވާނެ ގޮތާއި ދުޝްމަނުންގެ ޓާގެޓްތަކަށް ހަމަލާދޭނެގޮތުގެ ނަމޫނާވަނީ ދައްކާފާއެވެ.
އިންޑިޔާގެ އަސްކަރިއްޔާގެ އެކި ބަހާތަކުގެ ބާރު ދައްކާލުމަށް މިއަހަރުގެ ތެރޭގައި ތަފާތު އެކި ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން, މިދިޔަ ހަފުތާގައި އެ ޤައުމުގެ ކަނޑުގެ އަސްކަރިއްޔާ, ނޭވީގެ ބާރާއި ރާއްޖެ ހިމެނޭހެން ދުނިޔޭގެ ޤައުމުތަކާ އޮތް ގާތްގުޅުން ވަނީ ދައްކުވައިދީފައެވެ.
އިންޑިޔާގެ އަސްކަރިއްޔާއިން ދަނީ އެ ޤައުމުގެ އަސްކަރިއްޔާގެ އެކި ބަހާތަކުން ބޭނުންކުރާ އުޅަނދުތަކާއި ވަސީލަތްތަކަކީ އެ ޤައުމުގެ އަމިއްލަ އުފެއްދުންތަކަށް ހެދުމަށް ޚާއްސަ މަސައްކަތްތައް ކުރަމުންނެވެ.
އެ ޤައުމުން އަބަދުވެސް މަސައްކަތް ކުރާނީ ހަމަޖެހުން ގާއިމުކުރުމަށް ކަމަށާއި އެއްވެސް އިރަކު އިސްވެ އެއްވެސް ބަޔަކަށް ހަމަލާ ނުދޭނެ ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. ނަމަވެސް އެއްވެސް ބަޔަކު އެ ޤައުމަށް ނުރައްކާ ކުރިމަތިކުރުވައިފިނަމަ ޤައުމު އޮތީ ތައްޔާރަށް ކަމަށާއި އެކުވެރި ޤައުމުތަކަށް ދިމާވާ ހާލައްތަކުގައި އެއްބާރުލުން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަންވެސް މިި ހަރަކާތްތަކުގައި އިންޑިޔާއިން ދަނީ ހާމަކޮށްދެމުންނެވެ.