ޚަބަރު

އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމުގެ ފުރުޞަތު މާދަމާ ހަމަވާނެ


  • ފުރުސަތު ހުޅުވާލާފައިވަނީ މާދަމާގެ 15:00ގެ ނިޔަލަށް

  • ޕާޓީތަކުން ހުށައަޅާނީ "ސެމެދަ ޕޯޓަލް" މެދުވެރިކޮށް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވް ކުރުމާއި މޮނިޓަރަކަށްވުމަށް އެދި ހުށައެޅުމަށް ދީފައިވާ މުއްދަތު މާދަމާ ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ފުރުޞަތު ހުޅުވާލާފައިވަނީ މާދަމާގެ މެންދުރު 15:00ގެ ނިޔަލަށެވެ.

މި އިންތިޚާބުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހެނީ އިލެކްޝަންސް ކޮމިޝަންގެ my.elections.gov.mv ޕޯޓަލް މެދުވެރިކޮށެވެ. އިލެކްޝަންސް ކޮމުޝަނުން ވިދާޅުވީ، އަމިއްލަ ގޮތުން ނުވަތަ ޖަމިއްޔާތަކުން ކުރިމަތިލާ ފަރާތްތަކަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރެޖިސްޓްރީގައި ނަން އޮތް ފަރާތްތަކަކަށް ވެގެންނުވާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުން އޮބްޒާވަރުން ހުށަހަޅާނީ ޕާޓީތަކަށް ޚާއްޞަކޮށްފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުލޫކީ މިންގަނޑަށް އިޤުރާރުވާންޖެހެނީވެސް އިލެކްޝަންސްގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ. މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި ހުށަހަޅާއިރު، އެ ފަރާތްތަކުގެ މަޢުލޫމާތުގެ އިތުރުން މީޑިއާގެ ރެޖިސްޓްރީ ލައިންސަންސްގެ މަޢުލޫމާތު ހިމަނަންޖެހޭނެއެވެ.

އޮބްޒާވަރުންނާއި މޮނިޓަރުން ހުށަހެޅޭނެ އަދަދުތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މީޑީއާތަކުން މޮނިޓަރުންގެ ގޮތުގައި ހިމެނޭނީ، ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށް ކަމަށެވެ. އަދި ޕާޓީތަކުން އަދި ޖަމިއްޔާތަކުން އޮބްޒާވަރުންގެ ގޮތުގައި ހުށައަޅާ އަދަދު، ފޮށީގެ ޢަދަދަށްވުރެ %10 އިތުރުވެގެން ނުވާނެ ކަމަށެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކަށް އެކަން އެސްއެމްއެސް މެދުވެރިކޮށް އަދި ޕޯޓަލްއިން އަންގާނެއެވެ. އަދި އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފާސްވެސް ޕޯޓަލް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާނެ ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ.