ޚަބަރު

"ބޮޑު އިންތިޚާބަކާއެކު ފެންނަ ނުފެންނަ ވޯޓު ނެގުމުން، ޚިޔާލު ހޯދޭނެ"


  • ފެންނަ ނުފެންނަ ވޯޓު އޮންނާނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު

  • ކޮންމެ ރައްޔިތަކަށްވެސް ވޯޓުލުމަށް ތިން ކަރުދާސްކޮޅު ލިބޭނެ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަދަ އާންމު އިންތިޚާބަކާއެކު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުން މެޖޯރިޓީ ރައްޔިތުންގެ ޚިޔާލު ހޯދިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ތާވާލުކޮށްފައެވެ. މި އިންތިޚާބާއެކު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް މުޅި ރާއްޖެއަށް ހުޅުވާލައިގެން ނެގުމަށް ވަނީ ނިންމާފައެވެ. ޚިޔާލު ހޯދުމުގެ ވޯޓު ނަގަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދު ވިދާޅުވީ، ކައުންސިލް އިންތިޚާބުތަކާއެކު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ކުރިއަށް ގެންދާއިރު، ކޮންމެ ރައްޔިތަކަށްވެސް ވޯޓުލުމަށް ތިން ކަރުދާސްކޮޅު ލިބޭނެ ކަމަށެވެ.

"މިގޮތަށް އާންމު އިންތިޚާބަކާ އެކުގައި ރިފަރެންޑަމެއް ބޭއްވުމުގެ އެންމެ މުހިންމު ބޭނުމަކީ ވީހާވެސް ގިނަ ރައްޔިތުން ވޯޓުގައި ބައިވެރިކުރުވައި، ގައުމީ މުހިންމު ނިންމުމެއްގައި ރައްޔިތުންގެ އަޣުލަބިއްޔަތު އޮތްގޮތް ކަށަވަރުކުރުން. ވޯޓެއް ވަކިން ނެގުމަށް ޚަރަދުކުރާ މިންވަރުވެސް ކުޑަކުރެވިގެންދާނެ މިގޮތަށް ބޭއްވީމަ." ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދު ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ މިންގަނޑުތަކަށް އަލިއަޅުއްވާލައްވަމުން ޞަލާހު ވިދާޅުވީ، އާންމު އިންތިޚާބުތަކާ އެކު މިފަދަ ރިފަރެންޑަމްތައް ބޭއްވުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަމަލުކުރާ އުސޫލެއް ކަމަށެވެ. އެގޮތުން ދާދިފަހުން ބަންގްލަދޭޝްގައި ބޭއްވި މަޖިލިސް އިންތިޚާބާއި، މިދިޔަ މަހު ތައިލެންޑުގައި ބޭއްވި އިންތިޚާބާއެކުވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުތައް ނަގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ރިފަރެންޑަމްގައި ރައްޔިތުންނާ ކުރެވޭނެ ސުވާލާ ގުޅޭގޮތުން ޞަލާހު ވިދާޅުވީ، ވޯޓު ކަރުދާހުގައި އޮންނާނީ "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި ސުވާލު ކަމަށެވެ.

"މި ސުވާލު އަޅުގަނޑުމެން ރިފަރެންޑަމް ނުވަތަ ޕްރިފަރެންޝިއަލް ވޯޓުގައި ރައްޔިތުންނަށް އަޅުގަނޑުމެން މި ކުރަނީ. މި ސުވާލަށް އާއެކޭ ނުވަތަ ނޫނެކޭ ބުނަން މިޖެހެނީ. ދެ ގޮޅިއިންނަ އިރު ކޮންމެވެސް އެއް ގޮޅިއަކު މި ފާހަނގަ ޖަހަންޖެހެނީ. ދެގޮޅީގައި ފާހަގަ ނުވަތަ ގޮޅިތަކުގެ ބޭރުގައި ފާހަގަޖަހާފިއްޔާ ވޯޓުގެ ސައްހަކަން ގެއްލިގެންދާނެ. އަދި އެއްވެސް އެއްޗެއް ގޮޅިތަކިގައި ކުރަހާފިއްޔާވެސް ބާތިލުވާނެ." ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދު ވިދާޅުވިއެވެ.

ވޯޓު ކަރުދާސްތަކުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޞަލާހު ވިދާޅުވީ، ރިފަރެންޑަމް ވޯޓު ކަރުދާހަކީވެސް އެހެން އިންތިޚާބުތަކެކޭ އެއްފަދަ ސެކިއުރިޓީ ފީޗާތަކެއް ހިމެނޭ، މަތީ ފެންވަރުގެ ކަރުދާހެއް ކަމަށެވެ. އަދި ހުރިހާ ކަރުދާސްތަކެއްވެސް މަރުކަޒުތަކަށް ގެންދާނީ ފުލުހުންގެ ބެލުމުގެ ދަށުން ރައްކާތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ގާނޫނަކުން ނުވަތަ ރައީސްގެ ގަރާރަކުން ނެގޭ ދެވަނަ ޕްރިފަރެންޝިއަލް ވޯޓުކަން ފާހަގަކުރައްވަމުން ޞަލާހު ވިދާޅުވީ، މީގެ ކުރިން އައްޑޫ ސިޓީގައި މިފަދަ ވޯޓެއް ބޭއްވުނު ނަމަވެސް، އެ ފަހަރު އެއީ ހަމައެކަނި އެ ސިޓީގެ ވަކި ރަށްތަކަކަށް ހާއްސަ ކުރެވުނު ވޯޓެއް ކަމަށެވެ. ނަމަވެސް މިފަހަރުގެ ވޯޓަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ މުހިންމު ވޯޓެއްކަން ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދު ފާހަގަކުރެއްވިއެވެ.