ޚަބަރު

"އެމްޑީޕީގެ އިސް ދެ ވެރިޔަކު ހިންގީ ދަށު ދަރަޖައިގެ ޢަމަލެއް"


  • ދާޚިލީ ވަޒީރުގެ ޢާއިލާގެ ވީޑިއޯއެއް ނަގައި ވަނީ ޢާއްމުކޮށްފައި

  • ވީޑިއޯ ނަގާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި

  • ވީޑިއޯ ނެގިފަހުން ކާކުކަން ނޭނގޭ އެކައުންޓަކުން ވަނީ މީސްމިޑީއާއަށް ދޫކޮށްލާފައި

ޢާއިލާގެ ވީޑިއޯއެއް ނަގައި މީސްމީޑިއާއަށް ލުމަކީ، އެމްޑީޕީގެ އިސް ދެ ވެރިޔަކު ހިންގި ދަށު ދަރަޖައިގެ ޢަމަލެއް ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވަނީ، ވަޒީރުގެ ޢާއިލާގެ ވީޑިއޯއެއް މަގުމަތިން ހުއްދަ ނުހޯދާ ނެގި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އިއްޔެ ހަވީރުގެ ވަގުތެއްގައި ނެގި މި ވީޑިއޯ ވަނީ، ކާކުކަން ނޭނގޭ އެކައުންޓަކުން މީސްމީޑިއާގައި ޕޯސްޓުކޮށްފައެވެ. ވީޑިއޯ ނަގާފައިވަނީ ދާޚިލީ ވަޒީރުގެ އަނބިކަނބަލުންނާއި، އުމުރުން 10 އަހަރުގެ ދަރިފުޅު މަގުމަތިން ދަނިކޮށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދާޚިލީ ވަޒީރު އިޙްސާން މިކަމުގެ ކަންބޮޑުންވުން ފާޅުކުރައްވާ ވިދާޅުވީ، މި ވީޑިއޯ ނަގާފައިވަނީ އެމްޑީޕީގެ އިސް ދެ ފަރާތް ކަމަށްވާ، ޕާޓީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހީމް ވަޙީދާއި، ކުރީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އަދި މިހާރު އެޕާޓީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް އަކްރަމް ކަމާލުއްދީން ކަމަށެވެ. ވަޒީރު ވަނީ، އެ ވީޑިއޯ ނަގަން ތިބި މަންޒަރުގެ ސީސީޓީވީ ވީޑިއޯއެއްވެސް ޙިއްސާ ކުރައްވާފައެވެ.

އެމްޑީޕީއަކީ، ކުޑަކުދިންގެ ހައްޤުތަކާއި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރާ ކަމަށް އަބަދުވެސް ވަކާލާތު ކުރާ ޕާޓީއެއް ނަމަވެސް، އެޕާޓީން ކުރަމުން ދަނީ މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ ދަށު ދަރަޖައިގެ ޢަމަލުތަކަކީ، އެމްޑީޕީން އަބަދުވެސް ދައްކުވައިދޭ ޢަމަލުތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެމްޑީޕީގެ އިސް ދޭ ފަރާތެއް ދާޚިލީ ވަޒީރުގެ ޢާޢިލާގެ ވީޑިއޯއެއް ހުއްދަ ނުހޯދާ ނަގައި މީސްމީޑިއާއަށް ލާފައިވާއިރު، މީގެ ކުރިންވެސް އެޕާޓީގެ ސިޔާސީ ހަރަކާތެއްގައި ސިޔާސީ ފަރާތްތަކުން ޢާއިލާތަކަށް ބަސްތައް ރައްދުކޮށްފައިވެއެވެ.

މީގެ އެންމެ ފާހަގަކޮށްލެވޭ އެއް މައްސަލައަކީ، ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނަށް ނިސްބަތްކޮށް އެޕާޓީގެ އެކްޓިވިސްޓަކު އެޕާޓީގެ އެއްވުމެއްގައި ދެއްކި ވާހަކަތަކެވެ. މިމައްސަލައިގެ ޒިންމާ އެޕާޓީގެ އޭރުގެ ޗެއަރޕާސަން އަދި އެ ވާހަކަ ދެއްކި އެކްޓިވިސްޓް ނަގަން ޖެހޭނެ ކަމަށާއި، އެކަމުގެ ބަދަލު ހޯދުމުގެ ޙައްޤު ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާއަށް ލިބިގެންވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.