ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ ގޫރޫޕް ސީ ގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް މީޓިއޮސް އިންވަނީ ގުރޫޕުގެ ކުރީގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
މާފަންނު އެއްނަންބަރު ކުރިކެޓް ދަނޑުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މޭރީ ކޯނަރ އާއި ނާލި އެކްސް ޗޭންޖެވެ. މިމެޗު ނާލި ކާމިޔާބު ކުރީ 8 ވިކެޓުންނެވެ.
ގުރުދިމާވުމުން މޭރީ ކޯނަރ އިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 110 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 13 ބޯޅައިން 30 ލަނޑު ހެދި މުހައްމަދު އަޒްލީއެވެ.
ޖަވާބުގައު ނާލި ޓީމުން ކުޅެންއަރާ 7.2 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން 116 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 14 ބޯޅައިން 34 ލަނޑު ހެދި މުހައްމަދު އާމިރެވެ.
އިއްޔެ ކުޅުނު ދެވަނަ މެޗު މީޓިއޮސް ކާމިޔާބުކުރީ ހަފްލާންއާ ވާދަކޮށް 10 ވިކެޓުންނެވެ.
ގުރުދިމާވުމުން މީޓިއޮސް ގަސްތުކުރީ ހޮވުމަށެވެ. އެހެންކަމުން ފުރަތަމަ ހަފްލާން ޓީމުން ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 69 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 33 ލަނޑު ހެދި އިސްމާއިލް އަލީއެވެ.
ޖަވާބުގައި މީޓިއޮސް ކުޅެން އަރާ މެޗު ކާމިޔާބުކުރީ 3.3 އޯވަރުގެ ތެރޭގައި 71 ލަނޑު ހަދައިގެންނެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 12 ބޯޅައިން 28 ލަނޑު ހެދި އިބްރާހިމް ސަދޫފްއެވެ.
މި ނަތީޖާއެކު މުބާރާތުގެ ގުރޫޕް ސީގައި މީޓިއޮސް ކުޅުނު ތިން މެޗު ކާމިޔާބުކޮށް އެޓީމުން މިވަނީ 6 ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނައަށް ޖެހިލާފައެވެ. މި ގުރޫޕުން ދެވަނައިގަ އޮތީ ކުޅުނު ދެމެޗުން މޮޅުވެ 4 ޕޮއިންޓާއެކު ނާލި އެކްސްޗޭންޖެވެ.