ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ ހަތަރުވަނަ ދުވަހުގެ ފުރަތަމަ މެޗުން، ހަފްލާންއާއި ވާދަކޮށް ނާލި އެކްސްޗޭންޖް މޮޅުވެއްޖެއެވެ.
މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ދަނޑުގައި ކުރިއަށްދިޔަ މި މެޗު ނާލިން ކާމިޔާބުކުރީ 45 ލަނޑުންނެވެ.
މެޗުގެ ފުރަތަމަ އިނިންގްސްގައި ޓޮސް ދިމާވުމުން ހަފްލާންއިން ނިންމީ އުކާށެވެ.
މި އިނިންގްސްގައި ކުޅެން އެރި ނާލި އެކްސްޗޭންޖުން، 8 އޯވަރުގެ ތެރޭގައި އެއް ކުޅުންތެރިއަކު ނުބައިވެގެން 180 ލަނޑު ހަދާފައިވެއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 32 ލަނޑު ހެދި މުޙައްމަދު އާމިރެވެ.
ޖަވާބުގައި ކުޅެން އަރައި ހަފްލާއަށް 8 އޯވަރު ތެރޭ ހެދުނީ 125 ލަނޑެވެ. ނުބައިވީ އެންމެ ކުޅުންތެރިއެކެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 31 ލަނޑު ހެދި އިސްމާޢީލް ޢަލީއެވެ.
އިއްޔެގެ ދެވަނަ މެޗުގައި، ކިންޒާ ކެފޭއިން ވަނީ ކަރުދާސް ކޭކޭގެ މައްޗަށް ކުރިހޯދާފައެވެ.
މެޗުން ކިންޒާ މޮޅުވީ 12 ލަނޑުންނެވެ.
ޓޮސް ދިމާވުމުން ކިންޒާއިން ނިންމީ ފުރަތަމަ ކުޅެން އަރާށެވެ.
ކުޅެން އަރައި، ކިންޒާއިން 8 އޯވަރު ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 104 ލަނޑެވެ. މި އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނީ ނުވަ ބޯޅައިން 34 ލަނޑު ހެދި މޫސާ މިޖާދާއި 18 ބޯޅައިން 32 ލަނޑު ހެދި މުޙައްމަދު އައްޒާމެވެ.
ޖަވާބުގައި ކުޅެން އަރައި ކަރުދާސް ކޭކޭއިން 8 އޯވަރު ތެރޭ ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 92 ލަނޑެވެ. މި އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނީ 11 ބޯލައިން 36 ލަނޑު ހެދި އަޙްމަދު ޙަސަނެވެ.
މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެއެވެ. މިއަދުގެ ފުރަތަމަ މެޗުގައި ވާދަކުރަނީ ދިވެހި ސިފައިންގެ ކުލަބާއި ސަންކުއިކް ލިލީއެވެ. ދެވަނަ މެޗުގައި ފެންނާނީ ޕޮލިސް ކުލަބާއި އަވިއާ މޯލްޑިވްސްގެ ކުރިމަތިލުމެކެވެ.