އިޓާލިއަން ލީގުގައި ވަރުގަދަ އޭސީ މިލާން، ޕާމާ ކަލްސިއޯ އަތުން ބަލިވެއްޖެއެވެ.
މިލާނުގެ ސެންސީރޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ޕާމާ މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުން ބަލިވި ނަމަވެސް މުޅި މެޗުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ މިލާނުންނެވެ. މެޗުގެ 64 އިންސައް ބޯލް ޕޮޒެޝަން އެ ޓީމުން ހޯދާފައިވާއިރު ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ހޯދާފައިވެއެވެ.
މުޅި މެޗުގައި މިލާނުން ވަނީ ޖުމްލަ 23 ހަމަލާއެއް ފޮނުވާލާފައެވެ. އޭގެތެރެއިން ގޯލާ އަމާޒުވާގޮތަށް ފޮނުވާލެވުނީ އެންމެ ފަސް ހަމަލާއެވެ. އެއާ ޚިލާފަށް ޕާމާއިން ހަތް ހަމަލާއެއް މެޗުގައި އުފެއްދިއިރު، އޭގެތެރެއިން ހަތަރު ހަމަލާއެއް ގޯލާ އަމާޒުވާގޮތަށް ފޮނުވާލާފައިވެއެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ދެވަނަ ހާފުގައި، މެޗުގެ 80 ވަނަ މިނެޓުގައި ޕާމާއަށް ކާމިޔާބުކޮށްދިނީ މަރިއާނޯ ޓްރޮއިލޯއެވެ. މި ބައްޔާއެކު، ތާވަލުގެ އެއްވަނައިގައި އޮތް ވާދަވެރި އިންޓާ މިލާނާ ދެމެދު އޮތް ފަރަގުކުޑަކުރަން ލިބުނު ފުރުސަތު އޭސީ މިލާނުން ވަނީ ނަގާލާފައެވެ.
ތާވަލުގެ އެއްވަނައިގައި އިންޓާ އޮތީ 26 މެޗުން 64 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޭސީ މިލާން އޮތީ 54 ޕޮއިންޓާއެކު، 10 ޕޮއިންޓުގެ ފަރަގަކާއެކުއެވެ.
އޭސީ މިލާނުގެ މައްޗަށް ކުރި ހޯދި ޕާމާއަށް 32 ޕޮއިންޓު ލިބިފައިވާއިރު ތާވަލުގައި ލިބެނީ 12 ވަނައެވެ.