ސްޕެނިޝް ލަލީގާގައި ރޭ ލެވަންޓޭ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެ ތާވަލުގެ އެއްވަނަ މަގާމް އަލުން ހޯދައިފި އެވެ.
ބާސެލޯނާގެ ސްޕޮޓިފައި ނޯ ކޭމްޕްގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓުގައި ބާސެލޯނާ އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މާކް ބެނާލް އެވެ.
ބާސެލޯނާ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލަތަކެއް އުފައްދާފައިވާ މި މެޗުގައި ލެވަންޓޭގެ ގޯލަށް އަމާޒުކޮށް އެ ޓީމުން ވަނީ ޖުމްލަ ނުވަ ހަމަލައެއް އުފައްދާފަ އެވެ.
މި މެޗުގައި ބާސެލޯނާ އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 32 ވަނަ މިނިޓުގައި ޖޮއާއޮ ކެންސެލޯ ދިން ޕާހަކުން ފްރެންކީ ޑިޔޮންގް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ބާސެލޯނާގެ ގިނަ ހަމަލަތަކެއް ލެވަންޓޭގެ އޮސްޓްރޭލިއާގެ ގޯލުކީޕަރު މެތިއު ރަޔާން ވަނީ މަތަކޮށްފަ އެވެ. އޭގެތެރޭގައި ރަފީނިއާގެ އިތުރުން ލޮޕޭޒް ފޮނުވާލި ދެ ހަމަލާ ފާހަގަކޮށްލެވެ އެވެ.
މި މެޗުގައި ބާސެލޯނާ އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފަރމިން ލޮޕޭޒް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި ނަތީޖާ އާއިއެކު ބާސެލޯނާ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 25 މެޗުން ލިބިފައިވާ 61 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް އަލުން ލިބިފަ އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 60 ޕޮއިންޓެވެ.