ޚަބަރު

އާސެނަލްއަށް މުހިންމު މޮޅެއް، އެޒޭއަށް ތާރީޚި ރެކޯޑެއް


  • މެޗުން އާސެނަލް މޮޅުވީ 1-4 ގެ ނަތީޖާއަކުން

  • އެޒޭ ވަނީ އޮންރީއާއި ވެން ޕާސީއާ އެއް އަދަދަކަށް ޓޮޓްނަމް ކޮޅަށް ލަނޑު ޖަހާފަ

އިނގިރޭސި ޕްރިމިއަރ ލީގުގެ ނޯތު ލަންޑަން ޑާބީގައި އާސެނަލް އިން ޓޮޓްނަމް ހޮޓްސްޕަރގެ މައްޗަށް މުހިންމު މޮޅެއް ހޯދިއިރު، މެޗުން އެ ޓީމު މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެބެރާޗީ އެޒޭ، ތާރީޚީ ރެކޯޑެއް ޙާސިލްކޮށްފިއެވެ.

ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވީ 1-4 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް އާސެނަލްއިންނެވެ. 32 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޒޭއެވެ.

އޭގެ ދެ މިނެޓުފަހުން ޓޮޓްނަމް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ކޯލޯ މުއާނީ ޖަހައިދިން ލަނޑެކެވެ.

ހަމަހަމަ ނަތީޖާއެއްގައި އޮވެ ދެ ޓީމުން ދެވަނަ ހާފަށް ނުކުތްއިރު، އާސެނަލް އިން މިހާފު ފެށީ ވަރުގަދަކޮށެވެ. ކުރިއަށް ޖެހި ރަނގަޅު އެޓޭކުތަކެއް ކޮށްގެން ކުޅެމުންދިޔަ އާސެނަލްއިން މެޗުގައި ދެވަނަ ފަހަރަށް ލީޑުނެގީ ވިކްޓޯ ޔޮކޮރެސްގެ ލަނޑުންނެވެ.

އާސެނަލްއިން މެޗުގައި ލީޑުފުޅާކުރީ 61 ވަނަ މިނެޓުގައެވެ. މި ލަނޑު ވެސް އެޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ޖަހައިދިން އެޒޭއެވެ.

މި ލަނޑާއެކު އެޒޭ ވަނީ، ނޯތު ލަންޑަން ޑާބީގައި އާސެނަލްއަށް ތިންވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދާފައެވެ. މިހާތަނަށް ޓޮޓްނަމްއާ ދެކޮޅަށް އެޒޭ ފަސް ލަނޑު ޖަހާފައިވާއިރު، އެ އަދަދަށް ދެން ލަނޑު ޖަހާފައިވަނީ އާސެނަލްގެ ލެޖެންޑުންގެ ގޮތުގައި ނިސްބަތްކުރެވޭ ތިއެރީ އޮންރީ އާއި ރޮބިން ވެން ޕާސީއެވެ.

މި ކުޅުންތެރިންނަށް ވުރެ ގިނައިން ނޯތު ލަންޑަން ޑާބީގައި އާސެނަލްގެ ޖާޒީގައި ލަނޑުޖަހާފައިވަނީ ހަ ލަނޑު ޖަހާފައިވާ އެމެނުއެލް އަޑަބަޔޯ އާއި ހަތް ލަނޑު ޖަހާފައިވާ ރޮބާޓް ޕިއޭސްއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ އާސެނަލްއިން މެޗު ނިންމާލަން ދަނިކޮށް އެ ޓީމުން މެޗުގައި ޖެހި ހަތަރުވަނަ ލަނޑު، މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔޮކޮރެސް އެވެ.

މި މޮޅާއެކު އާސެނަލް އިން ވަނީ ލީގު ހޯދުމަށް އެ ޓީމުން ކުރަމުން އަންނަ މަސައްކަތުގައި މިވަނީ ބޮޑު ހިތްވަރެއް ލިބިފައެވެ. އެގޮތުން ތާވަލުގެ ދެވަނައިގައި، 27 މެޗުން 56 ޕޮއިންޓު ހޯދާފައިގެން އޮތް މެންޗަސްޓަރ ސިޓީއާ ދެމެދު އޮތް ފަރަގު އާސެނަލްއިން ވަނީ ބޮޑުކޮށްފައެވެ. އާސެނަލް އިން އިތުރަށް އެއް މެޗު ކުޅެ، 61 ޕޮއިންޓު ހޯދާފައިވެއެވެ.

ލީގު ހޯދުމަށް އާސެނަލްއިން ކުރަމުން އަންނަ އުއްމީދަށް 21 އަހަރު ވެފައިވާއިރު، މި ސީޒަނުގެ ލީގު ޓްރޮފީ އުފުލާލުމަށް، ބާކީ ހުރި ހުރިހާ މެޗަކުން މޮޅުވުން އާސެނަލް އަށް މުހިންމެވެ. އޭގެ ތެރޭގައި އަންނަ އޭޕްރިލް މަގުގެ 18 ވަނަ ދުވަހު މެންޗަސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ވެސް ހިމެނެއެވެ.

އާސެނަލްއާ ދެކޮޅަށް ކުޅެ ބަލިވި ޓޮޓްނަމް އަށް، މި ބައްޔާއެކު ރެލިގޭޝަންގެ ބިރު ވެސް ވަނީ ބޮޑުވެފައެވެ. އެ ޓީމަށް 27 މެޗުން 29 ޕޮއިންޓު ލިބިފައިވާއިރު، ތާވަލުގައި ލިބެނީ 16 ވަނައެވެ. ރެލިގޭޝަން ޒޯނުގައި، ތާވަލުގެ 18 ވަނައިގައި އޮތް ވެސްޓްހަމްއާއި ޓޮޓްނަމް އާ ދެމެދު އޮތީ ފަސް ޕޮއިންޓުގެ ފަރަގެކެވެ.