ޚަބަރު

ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަށް މުހިއްމު މަސައްކަތްތަކެއް


  • މިވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި 110 ކުއްޖަކު ޢާއިލާތަކަށް

  • ދައުލަތުގެ ބެލުމުގެ ދަށަށް ނަގަނީ ދާއިމީކޮށްކަމަށް ޤަބޫލުކުރެވިފައި އޮތްއޮތުން ބަދަލުވަނީ

ޢާއިލީ ވެއްޓެއްގައި ލޯތްބާއެކު ބޮޑުވުމަކީ ކޮންމެ ކުއްޖަކަށްވެސް ބޭނުންވާ އަދި ލިބިދޭންޖެހޭ ޙައްގެކެވެ. އެހެންނަމަވެސް މުޖުތަމަޢުގައި އެފަދަ ޙައްގުތަކުން މަޙުރޫމްވެފައިވާ ކުދިން ތިބިކަން އެއީ ޙަގީގަތެވެ. އެފަދަ އެތައް ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަކީ ވޭތުވެދިޔަ އެކި ދުވަސްވަރު ރާއްޖޭގައި ކުރަމުން އައިސްފައިވާ ކަމެކެވެ. މިކަމަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތުން ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި 110 ކުއްޖަކުވަނީ ޢާއިލާތަކާއި ހަވާލުކޮށްފައެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނަގަނީ، ކުއްޖާއަށް އަމާން ރައްކާތެރި ވެއްޓެއް އެކުއްޖެއްގެ ޢާއިލާތެރެއިން ނުލިބޭ ޙާލަތްތަކުގައެވެ. ދައުލަތުގެ ބެލުމުގެ ދަށުން ކުއްޖާއަށް ރައްކާތެރި ވެއްޓެއް ހޯދައިދެވުނުނަމަވެސް، ހެދިބޮޑުވުމަށް ޢާއިލާގެ ތެރެއިން ކުއްޖާ ދަސްކުރާ އިޖުތިމާޢި ގުޅުންތަކާއި، ޤައިމުކުރާ އިތުބާރަކީ އެވެށިން ހޯދައިދެވޭނެ އެއްޗެއް ނޫނެވެ.

ކޮންމެ ކުއްޖަކަށްވެސް ޢާއިލާއެއްގެ ލޯބި ހޯދައިދިނުމަށް ފެށި މަސައްކަތާއެކު ބޮޑު ބަދަލެއްވަނީ ގެނެވިފައެވެ. މިދިޔަ 2025 ވަނަ އަހަރުގެ ޖޫން މަހާއި ހިސާބަށް ދައުލަތުގެ ބެލުމުގެ ދަށުގައި 160 ކުދިން ތިބިކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންވަނީ ހާމަކުރައްވާފައެވެ. ޢާއިލީ ވެއްޓެއްގައި ބޮޑުވުމުގެ ފުރުސަތު އެއިން ކޮންމެ ކުއްޖަކަށް ކަށަވަރުކުރުމަށް ކުރި މަސައްކަތުގެ ދަށުން ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި 110 ކުއްޖަކު ޢައިލާތަކާއި ހަވާލުކުރެވުމަކީ އިޖުތިމާޢީ ތަރައްޤީގެ ދާއިރާއިން ސަރުކާރަށް ހޯދުނު ބޮޑު ކާމިޔާބީއެކެވެ. މިހާރު 110 ކުއްޖަކު ބޮޑުވަމުންދާނީ ޢާއިލާއެއްގެ ހިޔާވަހިކަމުގެ ދަށުގައެވެ.

ދައުލަތުގެ ބެލުމުގެ ދަށުން ޢާއިލާތަކަށް ދާކުދިން ޢާއިލާތަކާ ޙަވާލުވުމާއެކުވެސް އެކުދިންނަށް ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބަލަމުންގެންދާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ސަރުކާރުން މިހާރުދަނީ ދައުލަތަށް ނަގާ ކުދިން ބަހައްޓާ މަރުކަޒުތައްވެސް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލޭގެ އިތުރުން އަތޮޅުތަކުގައި ޤާއިމުވެފައިވާ މިފަދަ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް އެތަންތަނުގައި ޚިދުމަތްކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެ ގިނަ މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި ކުރިއަށްދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން މުޖުތަމަޢަށް ނުކުންނަ ޢުމުރުގެ ކުދިންނަށް އަމާޒުކޮށް އެކި ޕްރޮގްރާމްތައްދަނީ ހިންގަމުންނެވެ. އެއާއެކު ވަޒީފާއަށް ނުކުތުމަށް އެކުދިން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށްދިޔުމުގެ މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާއި ގުޅިގެންވެސް މުހިއްމު މަސައްކަތްތަކެއްކުރެވި ބައެއް ކުދިންނަށް ވަޒީފާ ހަމަޖެހިފައިވާކަންވެސް އެވުޒާރާއިން ފާހަގަކުރައްވައެވެ. އެކި ސަބަބުތަކާއެކު ދައުލަތަށް ނަގާ ކުދިންނަށް އެއީ ދާއިމީ ގޮތެއްގައި ތިބެންޖެހޭ ތަނެއްގެ ގޮތުގައި ދެކެވިފައި އޮތްއިތުން ބަދަލުކުރުމަށް މިވޭތުވެދިޔަ ދުވަސްތަކުގައި ކާމިޔާބު ގިނަ ފިޔަވަޅުތަކެއްވަނީ އަޅާފައެވެ.