ފެބުރުވަރީ 21-25 އަށް ކުރިޔަށް ގެންދާ 22 ވަނަ ރަމަޟާން ބެޑްމިންޓަން ކަޕް 2026 ފަށައިފިއެވެ.
އެކުވެނީގެ ބެޓްމިންޓަން ހޯލުގައި ކުރިޔަށްދާ މި މުބާރާތުގައި ޖުމްލަ 6 ޓީމުން ވާދަކުރެއެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ޓީމުތަކަށް ނަންދީފައިވަނީ އެކު ކުލަތަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރެޑް، ބުލޫ، ބުލެކް، ވައިޓް، ޔެލޯ، އަދި ގްރީން ޓީމެވެ.
މިއީ ބެޓްމިންޓަން އެސޯސިއޭސަން އޮފް މޯލްޑިވްސް (ބީއޭއެމް) އާއި ކުލަބުތަކުން ގުޅިގެން އިންތިޒާމުކުރި މުބާރާތެކެވެ.
މިއީ އެސޯސިއޭޝަނުގެ މެންބަރު ކުލަބުތަކާއި ބެޑްމިންޓަން ކުޅެން އެކުވެންޏަށް ދާ އާންމު މެންބަރުންނަށް ބައިވެވެވޭ ގޮތަށް ކުރިޔަށް ގެންދާ މުބާރާތެކެވެ. ބީއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރު، މިންނާ ރަޝީދު ބުނީ މިމުބާރާތުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ކުޅުންތެރިންވެސް ބައިވެރިވެފައިވާކަމަށެވެ. އަދި މިއީ އެކުވެނީގައި ބާއްވާ އެންމެ ތަރުހީބު ބޮޑު މުބާރާތް ކަމަށެވެ.
ކޮންމެ ރަމަޟާން މަހެއްގައި، ބައެއް އަހަރުތަކުގައި މުބާރާތްތައް ނުބާއްވާދާއިރުވެސް، ރަމަޟާން ބެޑްމިންޓަން ކަޕް މެދުނުކެނޑި ބާއްވަމުން އަންނަ ކަމަށް މިންނާ ބުންޏެވެ. އެގޮތުން އެސޯސިއޭޝަން ސަސްޕެންޝަނުގައި އޮތްއިރުވެސް، އަމިއްލަ ފަރާތްތަކުން އިސްނަގައިގެންވެސް މި މުބާރާތް ބޭއްވިކަން އޭނާ ފާހަގަކުރިއެވެ.
"22 އަހަރު ވަންދެން މެދުނުކެނޑި ބޭއްވެމުންދާ ހަމައެކަނި މުބާރާތް މީ، އެހެންވީމަ ވަރަށް ތަރުހީބު ބޮޑު މުބާރާތެއް މީ" މިންނާ ބުންޏެވެ.
މި މުބާރާތުގައި ކުރީގެ މޮޅެތި ބެޑްމިންޓަން ކުޅުންތެރިންނާއި ކުލަބުތަކުގެ ކޯޗުންނާއި އެކުވެނީގައި އާންމުކޮށް ކުޅެމުން އަންނަ ކުޅުންތެރިން ވާދަކުރެއެވެ.
މުބާރާތް ފެއްޓުމުގެ ގޮތުން ކުރިޔަށް މެޗުތައް ކުޅިވަރާއި ހަށިހެޔޮކަމާއި ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ހުސެއިން ނިހާދާއި، ބީއޭއެމްގެ ރައީސް އިފްޝާން މުހައްމަދާއި އެސޯސިއޭޝަނުގެ ބައެއް އިސްވެރިން ވަނީ ބައްލަވާލައްވާފައެވެ.