ސްޕެނިޝް ލަލީގާގައި ރޭ އޮސަސޫނާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިވެއްޖެ އެވެ.
ރަށުން ބޭރުގައި ރެއާލް މެޑްރިޑް ކުޅުނު މި މެޗުގެ ގިނައިރު އެ ޓީމުން ބޯޅަ ހިފަހައްޓައިގެން ކުޅެ އޮސަސޫނާގެ ގޯލަށް އަމާޒުކޮށް ވަނީ ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
މި މެޗުގައި އޮސަސޫނާ އިން ލީޑު ނަގާފައިވަނީ މެޗުގެ 38 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އާންޓޭ ބުޑިމީރް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ޕެނަލްޓީ އަކީ ޕެނަލްޓީ އޭރިޔާ ތެރެއިން ބުޑިމީރް އަށް ކީޕަރު ކޯޓުއާ ފައުލް ކުރުމާއި ގުޅިގެން ވީޑިއޯ ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބުޑިމީރު ފޮނުވާލި ނުރައްކާތެރި ހަމަލައެއް ކޯޓުއާ މަތަކޮށްފައިވާއިރު އޭނާ ގޮނުވާލި އިތުރު ހަމަލައެއް ރެއާލް މެޑްރިޑްގެ ގޯލުގެ ދަނޑީގައި ޖެހިފައިވެސް ވަނީ ބޭރުވެފަ އެވެ.
ރެއާލް މެޑްރިޑް އިން ވަނީ މެޗުގެ 73 ވަނަ މިނިޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ވިނިޝިއަސް ޖޫނިއާރ އެވެ.
ނަމަވެސް މެޗުގެ 90 ވަނަ މިނިޓުގައި އޮސަސޫނާގެ ރައުލް ގާސިޔާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުން އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
މި ނަތީޖާ އާއިއެކު ދެވަނައިގައި އޮތް ބާސެލޯނާ އާއި ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް އިތުރު ކުރުމަށް ރެއާލް މެޑްރިޑަށް ލިބުނު ފުރުސަތު އެ ޓީމަށް ވަނީ ގެއްލިފަ އެވެ.
ލީގުގައި މިހާތަނަށް ކުޅުނު 25 މެޗުން ރެއާލް މެޑްރިޑަށް 60 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފައިވީ ނަމަވެސް އެއް މެޗު މަދުން ކުޅެގެން ބާސެލޯނާ އަށް ވަނީ 58 ޕޮއިންޓް ލިބިފަ އެވެ. އެހެންކަމުން މިއަދު ބާސެލޯނާ ކުޅޭ މެޗު ކާމިޔާބުކޮށް ތާވަލުގެ އެއްވަނަ މަގާމް އަލުން ހޯދުމުގެ ފުރުސަތު ބާސެލޯނާއަށް ވަނީ ލިބިފަ އެވެ.