ޚަބަރު

ރޮނާލްޑޯގެ ދެ ލަނޑާއެކު އަލް ނަސްރަށް މުހިންމު މޮޅެއް


  • މެޗުން ނަސްރު މޮޅުވީ 0-4 ގެ ނަތީޖާއަކުން

  • މި މޮޅާއެކު ނަސްރު އެއްވަނައިގައި އޮތީ 22 މެޗުން 55 ޕޮއިންޓާއެކު

ސައުދީ ލީގުގައި އަލް ނަސްރުން އަލް ހާޒިމްގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފިއެވެ.

އަލް ނަސްރުގެ އަލް އައްވަލް ޕާކް ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ނަސްރު މޮޅުވީ 0-4 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ނަސްރުން ފުރަތަމަ ލަނޑު ޖެހީ މެޗު ފަށައިގެން 13 ވަނަ މިނެޓުގައެވެ.

ކިންގްސްލީ ކޯމަން ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަސްރުން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. 30 ވަނަ މިނެޓުގައި ޖާއޮ ފެލިކްސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކޯމަންއެވެ.

މެޗުގައި ފެނިގެންދިޔަ އަނެއް ދެ ލަނޑަކީ ދެވަނަ ހާފުގައި ފެނިގެންދިޔައ ދެ ލަނޑެވެ.

އެގޮތުން އަލް ނަސްރުގެ ތިންވަނަ ލަނޑު، 77 ވަނަ މިނެޓުގައި ޖަހައިދިނީ އެންޖެލޯ ގެބްރިއެލް އެވެ.

އަދި އެ ޓީމުން މެޗުގައި ޖެހި ފަހު ލަނޑު، އޭގެ ދެ މިނެޓުފަހުން ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. މިއީ ކެރިއަރުގައި ރޮނާލްޑޯ ޖެހި 964 ވަނަ ލަނޑެވެ. އަދި އުމުރުން 30 އަހަރު ފުރުނުފަހުން އޭނާ ޖެހި 500 ވަނަ ލަނޑުވެސް މެއެވެ. މީގެއިތުރުން މި ސީޒަނުގައި ޖެހި 19 ވަނަ ލަނޑެވެ.

މި މޮޅާއެކު ނަސްރު ވަނީ ސައުދީ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އެއީ 22 މެޗުން 55 ޕޮއިންޓު ހޯދައިގެންނެވެ.